މޯލްޑިވްސް އިސްލާމިކް ބޭންކުގެ އުޖާލާ ދިރިއުޅުން ފެސިލިޓީ މެދުވެރިކޮށް ސްޓެލްކޯއިން މުދާ ގަނެވޭނެގޮތް ހަމަޖައްސައިފިއެވެ.
ސްޓެލްކޯއިން ބުނެފައިވަނީ މޯލްޑިވްސް އިސްލާމިކް ބޭންކުގެ އުޖާލާ ދިރިއުޅުން ފެސިލިޓީ މެދުވެރިކޮށް ސްޓެލްކޯ ސޭލްސް ސެންޓަރުން، ކަރަންޓުލުމަށް ބޭނުންވާ ހުރިހާ ސާމާނާއި ކަރަންޓު ވައިރުކުރުމަށް ބޭނުންވާ އާލާތްތަކާއި އަދި މިނޫނަސް ކަރަންޓާއިގުޅޭ ތަފާތު ބްރޭންޑު ތަކުގެ އުފެއްދުންތައްވެސް ކަސްޓަމަރުންނަށް މިސްކީމްގެ ދަށުން ބައްލަވައިގަނެވޭނެ ކަމަށެވެ.
އެމްއައިބީގެ އުޖާލާ ދިރިއުޅުން ސްކީމަކީ ދިރިއުޅުމުގެ ބޭނުންތަކާއި މަސައްކަތްތަކަށް ފުރިހަމަކަން ގެނައުމަށް ބޭނުންވާ ތަކެތި، ފައިސާ ދައްކަމުން ގޮސް ހަލާސްކުރާ ގޮތަށް ނެގޭ އެއް ސްކީމެކެވެ. ސްޓެލްކޯއިން ބުނެފައިވަނީ އެމްއައިބީ ގަބޫލުކުރާ ތަނެއްގައި ވަޒީފާ އަދާކުރާ 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް މި ސްކީމުން މުދާ ގަނެވޭނެ ކަމަށެވެ.
މި ސްކީމުގެ ދަށުން ގިނަވެގެން ނެގޭނީ 400،000 ރުފިޔާގެ ގެ މުދާ ކަމަށާއި، މިފަދަ ސްކީމްތަކުގެ ސަބަބުން ކަސްޓަމަރުންގެ ތެރެއިން އެއްފަހަރާ ފައިސާދައްކަން ދަތިވާ ފަރާތްތަކަށް ނުހަނު ގިނަ ފަސޭހަތައް ލިބިގެންދާނެ ކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ. އެގޮތުން މި ސްކީމުގައި ފައިސާ ދައްކަން ބޭނުންވާ މުއްދަތު 18 މަހާއި 48 މަހާ ދެމެދުގެ މުއްދަތެއްގެ ތެރެއިން ކަސްޓަމަރު ބޭނުންވާ މުއްދަތެއް ޚިޔާރުކުރެވޭނެ ކަމަށެވެ.
މި ސްކީމުގެ ދަށުން ލިބޭ ފައިސާގެ ލިމިޓް 06 މަސް ވަންދެން ބޭނުންކުރެވޭނެ ކަމަށްވެސް ސްޓެލްކޯއިން މައުލޫމާތުދެއެވެ. އަދި މި މުއްދަތުގައި ބޭންކަށް ހަމައެކަނި ކޯޓޭޝަން ހުށަހެޅުމުން ދުވަހުން ދުވަހަށް މުދާ ލިބޭނެ ކަމަށް އެ ފަރާތުން މައުލޫމާތުދެއެވެ.