އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވަން ބާއްވާ ޕްރައިމަރީގައި ވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ނުކުރައްވާނެ ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައިސާ އެކީ ސިޔާސީ މަސައްކަތް ކުރައްވަން ބޭނުން ނުވާ ކަމަށް ދާދި ފަހުން ވެސް ވިދާޅުވީ ނަޝީދު މި ވަގުތު ކޮޕް27 ސަމިޓަށް މިސްރުގައި ހުންނަވައިގެން އެމްޑީޕީގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ޕްރައިމަރީގައި "މި ފަހަރު ރައީސް ސޯލިހަށް ތާއީދުކުރެވެން ނެތް" ކަމަށެވެ.
ނަޝީދަކީ ފަހަކަށް އައިސް ރައިސާއި ސަރުކާރުގެ ސިޔާސަތުތަކަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވާނެ އިރެއް އަދި ނުނިންމަ އެވެ. އެ ޕާޓީގެ ތަރުޖަމާނު އަނަސް އަބްދުއް ސައްތާރު ވިދާޅުވީ ޕްރައިމަރީ ބާއްވާނެ ދުވަހެއް ނިންމާކީ އެކަމާ ގުޅޭ ގޮތުން ކުރަން ޖެހޭ އިދާރީ ހުރިހާ ކަންކަން ނިންމުމަށް ފަހު އެވެ. އެހެންވެ ޕްރައިމަރީ ބާއްވާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ.
އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ވާދަކުރައްވާނެކަން ރައީސް އިއުލާންކުރެއްވީ މި އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. އެއާ އެކީ ޕްރައިރީއަކާ ނުލައި ރައީސަށް ދެވަނަ ދައުރެއްގެ ޓިކެޓް ދޭން ޖެހޭ ކަމަށް ރައީސަށް ތާއީދުކުރައްވާ އެމްޑީޕީގެ އިސް ބޭފުޅުންތަކެއް ވިދާޅުވެފައިވެ އެވެ.