ބިންދައިގެން ގޮސް ހާލުގައި ޖެހުނު ދޯންޏަކަށް ކޯސްޓް ގާޑުން މިއަދު އެހީތެރިކަން ފޯރުކޮށް ދީފި އެވެ.
ކޯސްޓް ގާޑުން ބުނީ ދ. ހުޅުދެލީން ދެ ނޯޓިކަލް މޭލު ބޭރުގައި ވަނިކޮށް، "އުންބުޝޭމު" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް ބިންދައިގެން ގޮސް ހާލުގައި ޖެހުމާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަން އިން އެހީތެރިކަން ފޯރުކޮށް ދީފައިވާ ކަމަށެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑަށް ލިބުނީ މިއަދު ހެނދުނު 06:33 ހާއިރު އެވެ.

ބިންދައިގެން ދިޔަ ދޯންޏަކީ މާލޭން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރަމުން ދިޔަ ދޯންޏެކެވެ. ހާދިސާގެ ރިޕޯޓް ލިބުމާއެކީ އެ ދޯންޏަށް އެހީތެރިވުމުގެ ގޮތުން އެމްއެންޑީއެފް ކޯސްޓްގާޑުގެ ސެއިލަރުން ވަނީ ސީ އެމްބިއުލާންސްގައި އެ ދޯނި އޮތް ސަރަހަށްދަށް ގޮސްފައިވެ އެވެ. އަދި، އެމްއެންޑީއެފް ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސެއިލަރުންގެ އެހީތެރިކަމާއެކު ދޯނީގެ ހުންގާނު މެނުއަލްކޮށް ބޭނުންކޮށްގެން އެ ދޯނި މިހާރު ވަނީ ހުޅުދެއްޔަށް ހެނދުނު 9:30 ހާއިރު ގެންގޮސްދީފައިވެ އެވެ.
މި ހާދިސާ ހިނގިއިރު އެ ދޯނިން ދަތުރުކުރީ ހަތަރު މީހުންނެވެ. އަދި އެންމެންގެ ހާލު ވެސް ރަނގަޅެވެ.