Last Updated: July 17, 18:07
Friday, July 17, 2026
ކުޅިވަރު

ވޯލްޑް ކަޕް ބާއްވަން ގަތަރަށް ދިނުމަކީ ހެދުނު ގޯހެއް

ވޯލްޑް ކަޕް ބާއްވަން ގަތަރަށް ދިނުމަކީ ހެދުނު ގޯހެއް ކަމަށް ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ ބުނެފި އެވެ.

ފީފާގެ އެގްޒެކެޓިވް ކޮމިޓީން 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވާނެ ގައުމުގެ ގޮތުގައި ގަތަރު ކަނޑައެޅީ 2010 ވަނަ އަހަރު އެވެ. ވޯލްޑް ކަޕް ބާއްވަން ގަތަރަށް ދިނީ ކޮރަޕްޝަންގެ ތެރެއިން ކަމަށް ބައެއް ގައުމުތަކުން ވަނީ ތުހުމަތުކޮށްފަ އެވެ.

އެގޮތުން އޭރު ފީފާގެ އެގްޒެކެޓިވް ކޮމިޓީގައި ތިބި ގިނަ އަދަދެއްގެ މެމްބަރުންގެ މައްޗަށް ތަފާތު އެކި ކުށްތަކުގައި ފަހުން ދައުވާތައް އުފުލާފައިވާއިރު ބައެއް މީހުންގެ މައްޗަށް ވަނީ ދައުވާތައް ސާބިތުވެފަ އެވެ. ދައުވާ އުފުލި މީހުންގެ ތެރޭގައި ބްލެޓާ ވެސް ހިމެނޭއިރު މިދިޔަ ޖުލައި މަހުގެ ތެރޭގައި އޭނާ ވަނީ ދައުވާތަކުން ސަލާމަތްވެފަ އެވެ.

ކޮރަޕްޝަނާއި މަކަރާއި ހީލަތުގެ މައްސަލައިން ސަލާމަތްވި ފަހުން ފުރަތަމަ ފަހަރަށް ދެއްވި އިންޓަވިއުއެއްގައި ބްލެޓާ ވިދާޅުވީ ވޯލްޑް ކަޕް ބާއްވަން ގަތަރަށް ދިނުމަކީ ހެދުނު ގޯހެއް ކަމަށާއި ފީފާގެ އޭރުގެ ރައީސްގެ ހައިސިއްޔަތުން އެކަމުގެ ޒިންމާ އުފުލާ ކަމަށެވެ.

"ގަތަރަކީ ކުޑަ ގައުމެއް. ފުޓްބޯޅައާ ވޯލްޑް ކަޕަކީ އެއަށް ވުރެ މާ ބޮޑު އެއްޗެއް." 17 އަހަރު ވަންދެން ފީފާގެ ރައީސްކަން ކުރެއްވި ބްލެޓާ ވިދާޅުވި އެވެ.

ވޯލްޑް ކަޕް ބާއްވަން ގަތަރަށް ދިނުމަކީ ގޯހެއް ނަމަވެސް އެގައުމުގައި ވޯލްޑް ކަޕް ކުރިއަށްދާތީ އެކަމާ އުފާކުރާ ކަމަށް ބްލެޓާ ވިދާޅުވި އެވެ. އަދި އެއްވެސް ފުޓްބޯޅަ ކުޅުންތެރިއަކު ވޯލްޑް ކަޕް ބޮއިކޮޓްނުކޮށް ބައިވެރިވާތީ އެކަމާ ވެސް ބްލެޓާ ހިތްހަމަޖެހުން ފާޅުކޮށްފައިވެ އެވެ.

ވޯލްޑް ކަޕް ގަތަރުގައި ކުރިއަށްދާނީ މި މަހުގެ 20 އިން އަންނަ މަހުގެ 18 ގެ ނިޔަލަށެވެ.