Last Updated: June 9, 11:45
Tuesday, June 9, 2026
ޚަބަރު

ސެމީގެ ފަހު ޖާގަ މަރަދޫ އެފްސީ އަށް

އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕް 2022 / ފޮޓޯ: އައްޑޫލައިވް، އަލީ ނާސިރު

އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގެ ފަހު ޖާގަ އެފްސީ އަފިރިން ބަލިކުރުމަށް ފަހު މަރަދޫ އެފްސީން ކަށަވަރުކޮށްފިއެވެ.

މަރަދޫ ޓީމުން އެފްސީ އަފިރިން ބަލިކުރީ 2-4 ލަނޑުން ކުރި ހޯދައިގެންނެވެ. މިއާއެކު އެ ޓީމު ވަނީ 6 ޕޮއިންޓާއެކު ގްރޫޕް ބީ ގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީގެ ފަހު ޖާގަ ކަށަވަރުކޮށްފައެވެ. މި ގްރޫޕުގެ ސެމީއަށް އެއްވަނަ ޓީމުގެ ގޮތުގައި ދާނީ މެދުވަލު އެފްސީއެވެ.

މިމެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުވެމެއް ފެނިގެން ދިޔައެވެ. އެގޮތުން މެޗު ފެށިގެން މާ ގިނަ އިރުތަކެއް ނުވެ، މަރަދޫ ޓީމުގެ ސަހާއު އަލީ ވަނީ 4 ވަނަ މިނެޓުގައި އެޓީމަށް ލަނޑެއް ޖަހައިދީފައެވެ. މި ހާފުގައި މަރަދޫ ޓީމަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. ނަމަވެސް އިތުރު ލަނޑެއް މިހާފުގައި ނުޖެއެވެ.

ފުރަތަމަ ހާފުގައި އެފްސީ އަފިރިން ޓީމުގެ ޖައިލަމް ޖަމީލް 26 ވަނަ މިނެޓުގައި އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނެެވެ. އަފިރިން ޓީމަށްވެސް ގޯލު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްވި ނަމަވެސް މި ހާފުގައި އޭގެ އިތުރު ފުރުސަތެއްގެ ބޭނުން ނުހިފެއެވެ.

މެޗުގެ ދެވަނަ ހާފުގައި 61 ވަނަ މިނެޓުގައި، މަރަދޫ ޓީމުގެ މުހައްމަދު އަޒާން ވަނީ މަރަދޫ ޓީމަށް ލީޑު ނަގައި ދީފައެވެ. އަދި 74 ވަނަ މިނެޓުގައި މަރަދޫ ޓީމުގެ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ސަހާއު ވަނީ އެ ޓީމަށް ލީޑު ފުޅާ ކޮށްދީފައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި އެފްސީ އަފިރިން ޓީމުގެ އިބްރާހިމް ޝިޔާމް ވަނީ އިތުރު ހިއްވަރެއްލައި 92 ވަނަ މިނެޓުގައި އެ ޓީމަށް 2 ވަނަ ލަނޑެއް ކާމިޔާބުކޮށްދީފައެވެ. ނަމަވެސް އޭގެ މިނިޓެއް ފަހުން މަރަދޫ ޓީމުގެ ޒުވާން ކުޅުންތެރިޔާ ހަސަން ލަވްހު ވަނީ ދެ ލަނޑުގެ ލީޑު އަނެއްކާވެސް އެޓީމަށް ހޯދައިދީ ސެމީގެ ޖާގަ އެ ޓީމަށް ކަށަވަރުކޮށްދީފައެވެ.

މި ނަތީޖާއާއެކު އެފްސީ އަފިރިން ޓީމު އަދި މި ގްރޫޕުގެ ދެން އޮތް ފާހި ޓީމު ވަނީ މުބާރާތުން ކަޓާފައެވެ. ފާހި ޓީމު މުބާރާތުން ކެޓި އިރު އެ ޓީމަށް ގްރޫޕް ސްޓޭޖުގެ އެއް މެޗު އަދި ބާކީ އެބައޮތެވެ. އެ މެޗުގައި ބައްދަލު ކުރާނީ މި ގްރޫޕުގެ އެންމެ ވަރުގަދަ އަދި އެއްވަނައިގައި އޮތް މެދުވަލު އެފްސީއާއެވެ.

މި މުބާރާތުގައި މާދަމާވެސް މެޗެއް ކުޅޭނެއެވެ. މާދަމާ ހަވީރު 4:00 ފަށާ މިމެޗުގައި ބައްދަލު ކުރާނީ ގްރޫޕް އޭގެ ލޮތާރި ޓީމާއި، ބޭރުމަތި ޓީމެވެ. މީގެ ތެރެއިން ބޭރުމަތި ޓީމު މިމެޗުން ރަނގަޅު ނަތީޖާއަކާއި އެކު މޮޅުވެއްޖެ ނަމަ ގްރޫޕުގެ އެއްވަނަ ހޯދުމުގެ ފުރުސަތު އެބައޮތެވެ. ލޮތާރި ޓީމު ވަނީ ކުޅުނު ހުރިހާ މެޗަކުން ބަލިވެ މުބާރާތުން ކަޓާފައެވެ.

އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕްގެ މެއިން ސްޕޮންސަރަކީ ހެޕީ މާކެޓެވެ.