އެއް ޖިންސިން ގުޅުން ހިންގަނީ ސިކުނޑި އަށް ގެއްލުންވެފައިވާ މީހުން ކަމަށް ވޯލްޑް ކަޕަށް ގަތަރުން ކަނޑައަޅާފައިވާ އެމްބެސެޑަރެއް ކަމަށްވާ ހާލިދް ސަލްމާން ވިދާޅުވެއްޖެ އެވެ.
ވޯލްޑް ކަޕް މި މަހު 20 ގައި ފަށާއިރު ވޯލްޑް ކަޕްގެ މަސައްކަތުގައި އުޅޭ ގިނަ މީހުންނަށް އެކަށީގެންވާ ގޮތެއްގައި ރައްކާތެރިކަން ކަށަވަރު ނުކޮށްދޭތީ އާއި އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ހައްގުތަކާއި މެދު ގަތަރުން ގެންގުޅޭ ސިޔާސަތަށް ޔޫރަޕްގެ ގިނަ ގައުމުތަކެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
ޖަރުމަނުގެ މީޑިޔާއަކަށް ދެއްވި އިންޓަވިއުއެއްގައި ސަލްމާން ވިދާޅުވީ އެއް ޖިންސުން ގުޅުން ހިންގުމަކީ ހަރާމް ކަމެއް ކަމަށާއި އެކަން ހަރާމް ކުރައްވާފައިވަނީ އެއީ ސިކުނޑި އަށް ގެއްލުންހުރި ކަމަކަށް ވާތީ ކަމަށެވެ. އެއް ޖިންސުން ގުޅުން ހިންގާ މީހުން ވެސް ވޯލްޑް ކަޕަށް ގަތަރަށް އަންނާނެކަން އެނގޭ ކަމަށާއި އެ ފަރާތްތަކުން ވެސް ގަތަރުގެ ގާނޫނުތަކަށް ބޯލަނބަންޖެހޭނެ ކަމަށްވެސް ސަލްމާން ވިދާޅުވި އެވެ.
ސަލްމާން ވަނީ އެއް ޖިންސުން ގުޅުން ހިންގާ މީހުންގެ ސަބަބުން ކުޑަކުދިންނަށް އޭގެއިން ނުރަނގަޅު އަސަރެއް ކޮށްފާނެތީ އެކަމާ ކަންބޮޑުވާކަން ވެސް ހާމަކޮށްފަ އެވެ.
މި ވާހަކަތަކާ ގުޅިގެން އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ބައެއް ޖަމިއްޔާތަކުން ވަނީ ސަލްމާނަށް ފާޑުކިޔުން އަމާޒުކޮށް މިއީ ބަލައިގަނެވޭނެ ވާހަކަތަކެއް ނޫން ކަމަށް ބުނެފަ އެވެ.
ސަލްމާން އަކީ 1980 އިން 1990 އަށް ގަތަރުގެ ފުޓްބޯޅަ ޓީމަށް ކުޅެދީފައިވާ ކުޅުންތެރިއެކެވެ. މިފަހަރުގެ ވޯލްޑް ކަޕަށް ނެގި އެމްބެސެޑަރުންގެ ތެރޭގައި ބްރެޒިލްގެ ކުރީގެ ޑިފެންޑަރު ކަފޫ އާއި ބާސެލޯނާގެ ކޯޗު ޒަވީ ހަނާންޑޭޒް ހިމެނެ އެވެ.
ގަތަރުގައި ވޯލްޑް ކަޕް ކުރިއަށްދާނީ މި މަހުގެ 20 އިން އަންނަ މަހުގެ 18 ގެ ނިޔަލަށެވެ.