Last Updated: July 17, 18:07
Friday, July 17, 2026
ކުޅިވަރު

ވޯލްޑް ކަޕަށް ދެ ހަފުތާ، މާނޭއަށް އަނިޔާ

ބަޔާން މިއުނިކަށް ކުޅެމުން އަންނަ ސެނެގާލްގެ ފޯވާޑް ސަޑިއޯ މާނޭ އަށް އަނިޔާވެއްޖެ އެވެ.

މާނޭގެ ކަކުލަށް އަނިޔާވެފައިވަނީ ރޭ ޖަރުމަނު ލީގުގައި ވާޑަ ބްރޭމަންގެ މައްޗަށް ބަޔާނުން 6-1 އިން ކުރި ހޯދި މެޗުގަ އެވެ. އެގޮތުން މެޗުގެ 20 ވަނަ މިނެޓްގައި ލިބުނު އެ އަނިޔާއާ ގުޅިގެން މާނޭ ވަނީ ބަދަލުކޮށްފަ އެވެ.

ރޭގެ މެޗަށްފަހު ބަޔާންގެ ކޯޗު ޖޫލިއަން ނާގަލްސްމަން ބުނީ އަނިޔާއާ ގުޅިގެން މާނޭ މިއަދު ސްކޭނެއް ހަދާނެ ކަމަށާއި އުއްމީދަކީ އެ އަނިޔާ އަކީ ބޮޑު އަނިޔާއަކަށް ނުވުން ކަމަށެވެ.

ވޯލްޑް ކަޕަށް ސެނެގާލް ކޮލިފައިކޮށްދިނުމުގައި ވެސް އަދި އެޓީމަށް އެފްރިކަން ކަޕް އޮފް ނޭޝަންސް ހޯދައިދިނުމުގައި ވެސް މާނޭ ވަނީ މުހިއްމު ރޯލެއް އަދާކޮށްފަ އެވެ. ވޯލްޑް ކަޕަށް ސެނެގާލުން ނަގާފައިވާ 26 ކުޅުންތެރިންގެ ސްކޮޑު އިއްޔެ ވަނީ އިއުލާންކޮށްފަ އެވެ.

ސެނެގާލް ވޯލްޑް ކަޕްގައި މިފަހަރު ލައްވާލާފައިވަނީ ނެދަލޭންޑްސް އާއި ގަތަރު އަދި އިކުއެޑޯއާއެކު ގްރޫޕް އޭ ގަ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ގަތަރުން މި މަހުގެ 21 ވަނަ ދުވަހު ބައްދަލުކުރާނީ ނެދަލޭންޑްސްއާ އެވެ.