ސްޕެނިޝް ލީގުގައި ރޭ އޮސަސޫނާއާ ދެކޮޅަށް ކުޅެ 2-1 އިން ބާސެލޯނާ މޮޅުވި މެޗުގައި އެޓީމުގެ ޑިފެންޑަރު ޖެރާޑް ޕީކޭ ރަތް ކާޑެއް ހޯދައިގެން ކެރިއަރު ނިންމާލައިފި އެވެ.
އޮސަސޫނާގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ އެގާރައިން ޕީކޭ އަށް ޖާގަ ދީފައި ނުވާއިރު އޭނާ އަށް ރަތްކާޑު ދެއްކީ ފުރަތަމަ ހާފަށްފަހު ރެފްރީއާ ދިމާލަށް ބުނި އެއްޗެއްގެ ސަބަބުންނެވެ. ޕީކޭ ކުޅުން ހުއްޓާލަން ނިންމާފައިވާކަން އިއުލާންކުރީ މި މަހުގެ ތިންވަނަ ދުވަހު ކަމަށްވާއިރު އޭނާ ކުޅުނު އެންމެފަހު މެޗަކީ މިދިޔަ ހަފްތާގައި އަލްމީރިޔާ އަތުން 2-0 އިން ބާސާ މޮޅުވި މެޗެވެ.
ރޭގެ މެޗުގެ ފުރަތަމަ ގޯލް ކާމިޔާބުކޮށް ލީޑު ނެގީ އޮސަސޫނާ އިންނެވެ. އެގޮތުން މެޗުގެ ހަވަނަ މިނެޓްގައި އޮސަސޫނާ އަށް މި ގޯލް ކާމިޔާބުކޮށްދިނީ ޑޭވިޑް ގާސިޔާ އެވެ. މެޗުގެ 31 ވަނަ މިނެޓްގައި ދެވަނަ ރީނދޫ ކާޑާއެކު ބާސާގެ ފޯވާޑް ރޮބަޓް ލެވެންޑޯސްކީ އަށް ދެއްކި ރަތްކާޑުގެ ސަބަބުން މެޗުގެ ބޮޑުބައި ބާސާ އިން ފުރިހަމަ ކުރަން ޖެހުނީ 10 ކުޅުންތެރިންނާއެކު އެވެ.
އޮސަސޫނާ ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު މެޗުގެ 48 ވަނަ މިނެޓްގައި ޕެޑްރީ ވަނީ ބާސާ އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. އަދި މި މެޗުން ބާސާ މޮޅުވި ގޯލް މެޗުގެ 85 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ރަފީނިޔާ އެވެ.
މި މޮޅާއެކު 14 މެޗުން ލިބުނު 37 ޕޮއިންޓާ އެކު ބާސާ އޮތީ ލީގުގެ އެއްވަނައިގަ އެވެ. ދެވަނައިގައި 13 މެޗުން ލިބުނު 32 ޕޮއިންޓާ އެކު އޮތީ ރެއާލް މެޑްރިޑެވެ. މިއީ ވޯލްޑް ކަޕްގެ ކުރިން ބާސާ އިން ކުޅުނު ފަހު މެޗެވެ.