ކަރީނާ ކަޕޫރާއި ތައްބޫގެ އިތުރުން ކްރިތީ ސެނަން މުހިއްމު ރޯލުތައް ކުޅެން ހަމަޖެހިފައިވާ ފިލްމު ރަސްމީކޮށް އިއުލާންކޮށްފި އެވެ.
އެކްތާ ކަޕޫރާއި ރިއާ ކަޕޫރް ގުޅިގެން ޕްރޮޑިއުސްކުރާ ފިލްމުގެ ނަމަކީ "ދަ ކްރޫ" އެވެ. މިއީ 2018 ގެ "ވީރޭ ދީ ވެޑިން" އަށް ފަަހު އެކްތާ އާއި ރިއާ ގުޅިގެން ހަދާ ފުރަތަމަ ފިލްމެވެ. ކުރީގެ ފިލްމާ އެއްގޮތަށް އާ ފިލްމަކީ ވެސް ބަތަލާއިންތަކެއްގެ މައްޗަށް ބިނާކޮށް ހަދަން ހަމަޖެހިފައިވާ އެއްޗެކެވެ.
"ދަ ކްރޫ" ގައި ލައިޓް ހާޓެޑްކޮށް ކިޔައިދޭނީ އެއާލައިން އިންޑަސްޓްރީގައި މަސައްކަތްކުރާ އަންހެނުންތަކެއްގެ ވާހަކަ އެވެ. މީގެ ޑައިރެކްޓަރަކީ ރާޖޭޝް ކްރިޝްނަން އެވެ. ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު އެވެ.
"ދަ ކްރޫ" އަކީ ކަރީނާ އާއި ތައްބޫ އަދި ޒުވާން ބަތަލާ ކްރިތީ އެކީގައި އެއް ފިލްމަކުންނ ފެންނާނެ ފުރަތަމަ ފަހަރެވެ. އެހެންވެ ހުނަރުވެރި ތިން ބަތަލާ އިން އެކީގައި ބޮޑު ސްކްރީނުން ބަލާލަން ލިބުމަކީ ބެލުންތެރިންނަށް ވަރަށް ހާއްސަ ކަމަކަށް ވާނެ އެވެ.