Last Updated: June 15, 00:02
Sunday, June 14, 2026
ޚަބަރު

ޕޮލިސް ކޮލެޖްގެ ރަޖިސްޓްރީ އޮތީ އިންޑިއާގެ އަތުގައި

އިންޑިއާ ސަރުކާރުން އައްޑޫގައި ހެދި ޕޮލިސް ކޮލެޖްގެ ބޭނުމަކީ އެ ގައުމުގެ މީހުން ރާއްޖޭގައި ތިބެ، ރާއްޖެ އަށް ނުފޫޒު ފޯރުވުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިހާރު އައްޑު އަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އިއްޔެ ހަވީރު ހުޅުމީދޫގައި ބޭއްވި ޖަލްސާގައި ވިދާޅުވީ ޕޮލިސް ކޮލެޖަކީ އިންޑިއާ އިން ހެދި ތަނަކަށް ވިޔަސް، އެ ގައުމުގެ އިހުލާސްތެރި ކަމެއް ހުރި ނަމަ ތަނުގެ ރަޖިސްޓްރީ މިހާރު އޮންނާނީ ދިވެހިންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

ޔާމީން ވިދާޅުވި ގޮތުގައި އެ މަނިކުފާނުގެ ކޯލިޝަނުން "އިންޑިއާ އައުޓް" ގެ ނަމުގައި ހަރަކާތްތައް ވެސް ހިންގަން ޖެހެނީ މިފަދަ ސަބަބުތަކާ ހެދި ކަމަށެވެ. އަދި ޕޮލިސް ކޮލެޖްގެ ރަޖިސްޓްރީ ދިވެހިންނާ ހަވާލުނުކޮށްގެން އުޅެނީ އިންޑިއާގެ އަސްލު މަގުސަދު ކަމަށްވާ ރާއްޖެ އަތްގަދަ އެ ގައުމުގެ މީހުންގެ ނުފޫޒު ރާއްޖޭގައި ގަދަކުރުން ކަމަށް ވިދާޅުވި އެވެ.

"މި ވަރުގެ [ތަނެއް] ތަރަރައްގީ ކުރުމުގެ ބޭނުމަކީ އިންޑިއާ އިން [އައްޑޫގައި] ތިބުން. އަޅުގަނޑުމެންނާ މިހާރު ވެސް އެ އިމާރާތް ހަވާލުކުރަންވީ. އިހްލާސްތެރި ކަމެއް އިންޑިއާ ސަރުކާރުގެ އޮތް ކަމަށް ވަންޏާ އަދި ސޯލިހް ސަރުކާރުގައި މި އިހުޔލާސްތެރިކަން އޮތްކަމަށް ވަންޏާ އަޅުގަނޑުމެންނާއި އެބަޖެހޭ އެތަނުގެ ރަޖިސްޓްރީ ހަވާލު ކުރަން،" ޔާމީން ވިދާޅުވި އެވެ. "ރަޖިސްޓްރީ ހަވާލުކޮށްފައި އަޅުގަނޑުމެން އެތަން ހުޅުވައި ދިނީމަ އެ މީހުން އެތަނަށް ވަދެ އަޅުގަނޑުމެން ދައްކާ ބަޔަކު ޓްރޭން ކުރުވާނީ. ދާއިމީކޮށް ބަނޑަހަ ޖަހައިގެން ތިބެން ޖާގައެއް ނުދެވޭނެ."

އެ މަނިކުފާނު ވިދާޅުވީ ޕޮލިސް ކޮލެޖް ހިންގޭ ވަރުގެ ގާބިލު މީހުން ރާއްޖޭގައި އެބަތިބި ކަމަށާއި އެތަން ހުރި އައްޑު އަކީ ރާއްޖޭގެ ވަރަށް ތައުލީމީ ގާބިލު ވެސް މީހުން ތިބި ތަނެއް ކަމަށެވެ. އެހެންވެ ޕޮލިސް ކޮލެޖް އިންޑިއާގެ ބާރުގެ ދަށުގައި ހުންނަން ޖެހޭ އެއްވެސް ސަބަބެއް ވެސް ނެތް ކަމަށް ވިދާޅުވި އެވެ.

"ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް" ގެ ނަން ދީފައިވާ އަދި އައްޑޫ ލިންކް ރޯޑް ސަރަހައްދުގެ ބޮޑު ބިމެއްގައި ހެދި ޕޮލިސް ކޮލެޖް ރަސްމީކޮށް ހުޅުވީ މި އަހަރުގެ މާޗް މަހުގެ 27 ގަ އެވެ. އެތަން ހުޅުއްވައި ދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރާއި ފުލުސް ކޮމިޝަނަރު މުހައްމަދު ހަމީދާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.

އައްޑޫ ޕޮލިސް ކޮލެޖާ ގުޅޭ މުހިއްމު ބައެއް ކަންކަން:

* ޕޮލިސް ކޮލެޖް ހަދަން އެމްއޯޔޫއެއްގައި ސޮއިކުރީ ސެޕްޓެމްބަރު 26، 2012 ގައި
* ޕޮލިސް ކޮލެޖް ހަދަން ރަސްމީކޮށް ނިންމިކަން އިއުލާންކުރީ އޭޕްރީލް 6، 2014 ގައި
* މަޝްރޫއު އިއުލާންކުރީ މަސައްކަތް ފަށާތާ 18 މަހުގެ ތެރޭގައި ނިންމާ ގޮތަށް
* ކައުންސިލުން ބިން ހަމަޖައްސައި ބިން ހަވާލުކުރީ 2016 ގެ ފަހުކޮޅު ކުރީކޮޅު
* ބިން ދޫކުރި ސަރަހައްދުގެ މޫދާވީ ފަޅިން ބައެއް ހިއްކައި، އެތަނުގައި ވަނީ ރިވެޓްމަންޓް ޖަހާފައިވޭ
* ޕޮލިސް ކޮލެޖްގައި ހުންނާނެ ވަސީލްތަކުގެ ތެރޭގައި ފެންވަރު ރަނގަޅު އެކޮމެޑޭޝަން ބްލޮކްތަކާއި މެޑިކަލް ހިދުމަތް ދޭނެ ކްލިނިކާއި ޕީޓީ ގްރައުންޑާއި ހެލިޕޭޑާއި ޓްރެއިނިން ސެންޓަރާއި 800 މީހުންގެ ޖާގައިގެ ޖިމަކާއި ފުޓްބޯޅަ ދަނޑަކާއި ބާސްކެޓް ކޯޓަކާއި ޓެނިސް ކޯޓާއި 400 މީޓަރުގެ ޓްރެކާއި 340 މީހުންގެ އޮޑިޓޯރިއަމަކާއި 40 މީހުންގެ ޖާގަ ހިމެނޭ ގޮތަށް 320 މީހުންނަށް ކިޔަވައިދެވޭ ގޮތަށް އަށް ކްލާސްރޫމް ފަދަ ވަސީލަތްތައް ހިމެނޭ

ޕޮލިސް ކޮލެޖާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކާ ގުޅިގެން ސަރުކާރުން ތަކުރާރުކޮށް ބުނަމުން އައިސްފައި ވަނީ އެތަނަކީ އިންޑިއާ އިން ހިލޭ ހަދައި ދިން ތަނަކަށް ވިޔަސް އެތަނުގެ ހުރިހާ ކޮންޓްރޯލެއް އޮތީ ސީދާ ދިވެހި ސަރުކާރަށް ކަމަށެވެ. އަދި އެތަން ހިންގުމުގެ ހުރިހާ ޒިންމާއެއް އަދާކުރަނީ ދިވެހި ސަރުކާރުން ކަމަށެވެ.