Last Updated: June 10, 14:00
Wednesday, June 10, 2026
ޚަބަރު

ބަޖެޓްގެ އެންމެ މުހިންމު ކަމަކީ ފިސްކަލް ސަސްޓޭނެބިލިޓީ: އަމީރު

އިބްރާހިމް އަމީރު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

2023 ވަނަ އަހަރަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުން ފާހަގަވާ އެންމެ މުހިންމު އެއްކަމަކީ ފިސްކަލް ސަސްޓޭނެބިލިޓީ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ 2023 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް މެމްބަރުން ބަހުސްކުރުން ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ފިނޭންސް މިނިސްޓަރަށް ބަހުސްގައި ވާހަކަ ދެއްކުމަށް ލިބޭ ފުރުސަތުގައި މިނިސްޓަރު އަމީރު ވިދާޅުވީ 2023 ވަނަ އަހަރުގެ ބަޖެޓް އަދި ކުރީގެ ބަޖެޓްތައް ހުށަހެޅިގެންދިޔައީވެސް އިގްތިސާދީ ގޮންޖެހުންތަކާއެކު ކަމަށެވެ. އެގޮތުން 2020 ވަނަ އަހަރު ކޮވިޑްގެ އާލަމީ ވަބާ އަދި 2022 ވަނަ އަހަރު ހަނގުރާމައިގެ ސަބަބުން ދިމާވެފައިވާ އިގްތިސާދީ ގޮންޖެހުން ފާހަގަ ކުރެއްވިއެވެ.

މަޖިލީހުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ބަޖެޓުގައި ވަރަށް ތަފުސީލުކޮށް ސަރުކާރުން ހިންގާ ފިސްކަލް ޕޮލިސީތައް ވަރަށް ރަނގަޅަށް ކިޔައިދީފައިވާނެ ކަމަށާއި، އަދި އިގްތިސާދީ ގޮތުން ކުރިމަތިވެދާނެ ގޮންޖެހުންތައްވެސް ކިޔައިދީފައިވާނެ ކަމަށެވެ. އަދި ބަޖެޓް ހުށަހެޅުމުގައި މަސައްކަތްކުރެވެމުން ދަނީ ދަރަނި ކުޑަކުރުމުގެ ވިސްނުމާއެކުކަން ފާހަގަ ކުރެއްވިއެވެ.

މީގެއިތުރުން މިނިސްޓަރު އަމީރު ވިދާޅުވީ، އިގްތިސާދީ ގޮތުން ކުރިމަތިވި ގޮންޖެހުންތަކާއެކު އާމްދަނީ އިތުރުކޮށް އެކި ފިޔަވަޅުތައް އެޅިފައިވާ ކަމަށެވެ. އެގޮތުން އާމްދަނީ އިތުރު ކުރުމަށް ޖީއެސްޓީއާއި ޓީޖީއެސްޓި އިތުރުކުރުމަށް ހުށަހަޅާފައިވާނެ ކަމަށާއި، އޭގެއިތުރުން އާސަންދައިގެ ތެރެއިން އިސްރާފުވުން ފަދަ ހަރަދުތައް ކުޑަކޮށްގެން އެކި ފިޔަވަޅު އަޅެމަށް ހިމެނިފައިވާނެ ކަމަށެވެ.

އަމީރު ވިދާޅުވީ 2023 ގެ ބަޖެޓުން ފެންނަ އެންމެ މުހިންމު ކަމަކީ ފިސްކަލް ސަސްޓޭނެބިލިޓީއާ ދިމާލަށް ދަތުރުކުރުން ކަމަށެވެ. އެގޮތުން މިހާރު ހުށަހަޅާފައިވާ ސިޔާސަތުތަކަކީ ދަރަނީނެ ނިސްބަތް ބޮޑުނުވެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދެވޭނެ ސިޔާސަތުތަކެއްކަން ފާހަގަކުރެއްވިއެވެ.

މިދިޔަ 4 އަހަރަކީ ރާއްޖެއަށް އިގްތިސާދީ ގޮތުން ދިމާވި އެންމެ އުނދަގޫ ދުވަސްތައްކަން ފާހަގަކުރައްވާ އަމީރު ވިދާޅުވީ، އެކަމުގެ ތެރޭގައިވެސް އަސާސީ ތަރައްގީގެ މަޝްރޫއުތައް ރަށްތަކުގައި ހުއްޓާނުލާ ކުރިއަށް ގެންދެވުނު ކަމަށެވެ.