ސަލްމާން ޚާން އަންނަ އަހަރުގެ ފިތުރު އީދުގައި ގެނެސްދޭން ނިންމާފައިވާ ފިލްމު "ކިސީ ކާ ބާއީ ކިސީ ކީ ޖާން" ގެ ރޯލަކުން ބަތަލާ ބަގިޔާޝްރީ ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ މިހާރު މަދުމަދުން ފިލްމުތަކުގެ ސަޕޯޓިން ރޯލްތަކުން ފެންނަ 53 އަހަރުގެ ބަތަލާ އެ ފިލްމުގެ ވަރަށް މުހިއްމު ރޯލަކުން ފެންނާނެ ކަމަށެވެ. ފާހަގަކޮށްލެވޭ ކަމަކީ ބަގިޔާޝްރީ އަކީ ސަލްމާން ތަރިއަކަށް ބަދަލުކޮށްދިން 1989 ގެ ގެ ފިލްމު "މޭނޭ ޕިޔާރު ކިޔާ" ގެ ބަތަލާކަމެވެ. ސޫރަޖް ބަރްޖަތިއާ ޑައިރެކްޓްކުރި އާއިލީ ލޯބީގެ އެ ފިލްމުން މި ދެ ތަރިން ވަރަށް ބޮޑަށް ވިދައި، ބޮޑު މަޝްހޫރުކަމެއް ލިބުނަސް އެކީގައި އިތުރު ފިލްމެއްގައި މަސައްކަތްކޮށްފައެއް ނުވެ އެވެ.
ފިލްމުފެއާ އިން ބުނި ގޮތުގައި ބަގިޔާޝްރީގެ އިތުރުން "ކިސީ ކާ ބާއީ ކިސީ ކީ ޖާން" ގެ ރޯލަކުން ބޫމީ ޗާވްލާ ވެސް ފެންނާނެ އެވެ. އޭނަ އަކީ ސަލްމާންގެ ވަރަށް ކާމިޔާބު ފިލްމެއް ކަމަށްވާ 2003 ގެ "ތެރޭ ނާމް" ގެ ބަތަލާ އެވެ. އެ ފިލްމަށް ފަހު 2004 ގެ "ދިލް ނޭ ޖިސާ އަޕްނާ ކަހާ" ގައި ވެސް ދެ މީހުން އެކީގައި މަސައްކަތްކުރި އެވެ.
ބަގިޔާޝްރީ ގޮތަށް ބޫމީ، 44، އަކީ ވެސް މިހާރު ސަޕޯޓިން ރޯލުތަކުން ފެންނަ ބަތަލާއެކެވެ. ހާއްސަކޮށް އިންޑިއާގެ ދެކުނު ފިލްމުތަކުންނެވެ.
ފަރުހާދު ސަމްޖީ އެކްޝަން ކޮމެޑީއެއްގެ ގޮތުގައި ހަދާ "ކިސީ ކާ ބާއީ ކިސީ ކީ ޖާން" ގެ ބަތަލާ އަކީ ޕޫޖާ ހެގްޅޭ، 32، އެވެ. މީގެ ކާސްޓްގައި ޝެހެނާޒް ގިލް (ސަނާ)، ސިދާތު ނިގާމް، ޖައްސީ ގިލް، ރާގަވް ޖުޔަލް، ވިޖެންދުރަ ސިންގް، މަލްވިކާ ޝަރުމާ، ޕަލަކް ތިވާރީ އަދި ޖަގަޕަތީ ބާބޫ ހިމެނެ އެވެ.
ކުރިން އަންނަ މަހުގެ 30 ގައި ގެނެސްދޭން ނިންމި "ކިސީ ކާ ބާއީ ކިސީ ކީ ޖާން" ރިލީޒްކުރާނީ އަންނަ އަހަރުގެ އެޕްރީލް 21 ގަ އެވެ.