އައްޑޫސިޓީގައި ގާއިމު ކޮށްފައިވާ ޕޮލިސް އެކެޑަމީއަކީ ދިވެހި ސަރުކާރުގެ ތަނެއްކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަތަކަކަށް ސްޕޯކްސްޕާސަން މިއުވާން މުހައްމަދު ރައްދު ދެއްވައިފިއެވެ.
އައްޑު އަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އިއްޔެ ހަވީރު ހުޅުމީދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ ޕޮލިސް ކޮލެޖްގެ ބޭނުމަކީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބެ، ރާއްޖެ އަށް ނުފޫޒު ފޯރުވުން ކަމަށެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވާ މިއުވާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޔާމީންގެ ވާހަކަތަކަކީ ކަނޑައެޅިގެން ހަގީގަތާ ޚިލާފް ވާހަކަތަކެއް ކަމަށެވެ.
ޕޮލިސް އެކެޑަމީ އަކީ ދިވެހި ސަރުކާރުގެ ތަނެއްކަން ފާހަގަކޮށް މިއުވާން ވިދާޅުވީ، އެތަނަކީ އެހެން ގައުމެއްގެ އެއްވެސް މިންވަރެއްގެ ކޮންޓްރޯލެއް އޮތް ތަނެއް ނޫން ކަމަށެވެ.
"އެތަނުގައި ބަނޑަހަ ޖަހައިގެން ބޭރު ގައުމެއްގެ އެއްވެސް ބަޔަކު ނުތިބޭނެ." މިއުވާން ވިދާޅުވިއެވެ.
❌️ ކަނޑައެޅިގެން ހަގީގަތާ ޚިލާފް ވާހަކައެއް!
• ޕޮލިސް އެކެޑަމީ އަކީ ދިވެހި ސަރުކާރުގެ ތަނެއް. އެހެން ގައުމެއްގެ އެއްވެސް މިންވަރެއްގެ ކޮންޓްރޯލެއް އޮތް ތަނެއް ނޫން
• އެތަނުގައި ބަނޑަހަ ޖަހައިގެން ބޭރު ގައުމެއްގެ އެއްވެސް ބަޔަކު ނުތިބޭނެ. pic.twitter.com/K9t1ZzeeaC— Miuvaan Mohamed (@MvSpokesperson) November 9, 2022
ޔާމީން ވިދާޅުވި ގޮތުގައި އެ މަނިކުފާނުގެ ކޯލިޝަނުން "އިންޑިއާ އައުޓް" ގެ ނަމުގައި ހަރަކާތްތައް ވެސް ހިންގަން ޖެހެނީ މިފަދަ ސަބަބުތަކާ ހެދި ކަމަށެވެ. އަދި ޕޮލިސް ކޮލެޖްގެ ރަޖިސްޓްރީ ދިވެހިންނާ ހަވާލުނުކޮށްގެން އުޅެނީ އިންޑިއާގެ އަސްލު މަގުސަދު ކަމަށްވާ ރާއްޖެ އަތްގަދަ އެ ގައުމުގެ މީހުންގެ ނުފޫޒު ރާއްޖޭގައި ގަދަކުރުން ކަމަށް ވިދާޅުވިއެވެ.
"މި ވަރުގެ [ތަނެއް] ތަރަރައްގީ ކުރުމުގެ ބޭނުމަކީ އިންޑިއާ އިން [އައްޑޫގައި] ތިބުން. އަޅުގަނޑުމެންނާ މިހާރު ވެސް އެ އިމާރާތް ހަވާލުކުރަންވީ. އިހްލާސްތެރި ކަމެއް އިންޑިއާ ސަރުކާރުގެ އޮތް ކަމަށް ވަންޏާ އަދި ސޯލިހް ސަރުކާރުގައި މި އިހުޔލާސްތެރިކަން އޮތްކަމަށް ވަންޏާ އަޅުގަނޑުމެންނާއި އެބަޖެހޭ އެތަނުގެ ރަޖިސްޓްރީ ހަވާލު ކުރަން،" ޔާމީން ވިދާޅުވިއެވެ.
"ރަޖިސްޓްރީ ހަވާލުކޮށްފައި އަޅުގަނޑުމެން އެތަން ހުޅުވައި ދިނީމަ އެ މީހުން އެތަނަށް ވަދެ އަޅުގަނޑުމެން ދައްކާ ބަޔަކު ޓްރޭން ކުރުވާނީ. ދާއިމީކޮށް ބަނޑަހަ ޖަހައިގެން ތިބެން ޖާގައެއް ނުދެވޭނެ." ޔާމީން ވިދާޅުވިއެވެ.