އިންޑިއާގެ ފިލްމީ ތަރިން މިހާރު ވަރަށް ގިނައިން ރާއްޖެ އާދެ އެވެ. އެ ގައުމަކީ މިހާރު ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމު ވެސް މެ އެވެ. ފިލްމީ ތަރިން ރާއްޖޭގެ ހިތްގައިމު ރިސޯޓްތަކުގައި ޗުއްޓީ ހޭދަކުރަން އަޔަސް، ވެރިރަށް މާލެ އަށް ތަރިން ދިއުމަކީ އެހާ އާންމު ކަމެއް ނޫނެވެ.
އެކަމަކު މަދުމަދުން ބައެއް ތަރިން މާލެ އަށް ވެސް ޒިޔާރަތްކުރެ އެވެ. މިފަދަ ބައެއް ދަތުރުތަކުގައި ސަރުކާރުގެ ބައެއް އިސްވެރިންނާ ބައްދަލުވުމުގެ ފުރުސަތު ވެސް ލިބެ އެވެ. ހަނދާނާއި ތާރީހަށްޓަކައި މި ވާހަކަ ހަމަ ފާހަގަކޮށްލުން ރަނގަޅު ކަމަކަށް ވެދާނެ އެވެ.
ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާންގެ ކޮއްކޮ އަރްބާޒް ޚާން، 55، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަހުކޮޅު ރާއްޖެ އަށް ކުރި ދަތުރުގައި މާލެ އަށް ޒިޔާރަތްކޮށް، ރައީސް އޮފީހަށް ވެސް ޒިޔާރަތްކުރި އެވެ. ލޯބިވެރިޔާ ޖޯޖިއާ އެންޑްރިއާނާ އާއި އެ މީހުންގެ މި ޓީމްގެ ދަތުރުގެ ތެރެއިން ނައިބު ރައީސް ފައިސަލް ނަސީމާ ވެސް ބައްދަލުކުރި އެވެ. އޭގެ ފޮޓޯތަކެއް އަރްބާޒްގެ އިންސްޓަގްރާމްގައި ވެސް ޕޯސްޓްކޮށްފައިވެ އެވެ.
އެ ޕޯސްޓްގައި ނައިބު ރައީސާ ބައްދަލުވުމަކީ ލިބުނު ޝަރަފެއް ކަމަށާއި ކީ މަރުހަބާ ޝުކުރު ވެސް އަދާކޮށްފައިވެ އެވެ.
އަރްބާޒްގެ އާއިލާގެ މީހުން ވަރަށް ގިނައިން ރާއްޖެ އަށް ޗުއްޓީ އަށް އާދެ އެވެ. އެގޮތުން ސަލްމާން ވެސް އެތައް ފަހަރެއްގެ މަތިން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ. އަދި އޭނަގެ ފިލްމެއް ކަމަށްވާ 2005 ގެ "މޭނޭ ޕިޔާރު ކިއު ކިޔާ" ގެ ލަވައެއް ވެސް ރާއްޖޭގެ ރިސޯޓެއްގައި ޝޫޓްކޮށްފައިވެ އެވެ.
މީގެ އިތުރުން ސަލްމާނާއި އަރްބާޒްގެ ކޮއްކޮ ސުހައިލް ޚާން ލިޔެ، ޕްރޮޑިއުސްކުރި 2006 ގެ ފިލްމު "ފައިޓް ކްލަބް: މެމްބާސް އޮންލީ" ގެ ލަވައެއް ވެސް ރާއްޖޭގައި ޝޫޓްކުރި އެވެ. ރާއްޖޭގައި ޝޫޓްކުރި އެ ލަވައިގައި ހިމެނެނީ އަރްބާޒްގެ ކުރީގެ އަންހެނުން އަދި މިހާރު އަރުޖުން ކަޕޫރާ ރައްޓެހިބެގެން އުޅޭ މަލައިކާ އަރޯރާގެ ކޮއްކޮ އަމްރިތާ އަރޯރާ އާއި ޑީނޯ މޯރިއާ އެވެ.
އެކްޓަރެއްގެ ގޮތުގައި އަރްބާޒަކީ މާ ބޮޑު ކާމިޔާބީއެއް ހޯދުނު މީހެއް ނޫނެވެ. ޖޫހީ ޗާވްލާ އާއި ރިޝީ ކަޕޫރްގެ 1996 ގެ ފިލްމު "ދަރާރު" އިން ބޮލީވުޑަށް ނުކުތް އަރްބާޒަކީ މިހާރު ވެސް މަދުމަދުން ފިލްމުތަކާއި ވެބް ސީރީޒްތަކުން ފެންނަ އެކްޓަރެކެވެ. އަދި އޭނަ އަކީ މިހާރު ޕްރޮޑިއުސަރެއް/ޑައިރެކްޓަރެއް ވެސް މެ އެވެ. ބޭބެ ސަލްމާންގެ 2012 ގެ "ދަބަންގް 2" ޕްރޮޑިއުސްކޮށް ޑައިރެކްޓްކުރީ އަރްބާޒެވެ.
އޭނަގެ ވެބް ސީރީޒް "ތަނާވް" އަންނަ ހުކުރު ދުވަހު ސޮނީ ލިވް އެޕުން ސްޓްރީމްކުރާނެ އެވެ. އަރުބާޒް މިހާރު އަންނަނީ ބަތަލާ ރަވީނާ ޓަންޑަނާ އެކީ "ޕަޓްނާ ޝުކްލާ" ކިޔާ ފިލްމެއްގެ މަސައްކަތް ވެސް ކުރަމުންނެވެ.