Last Updated: March 29, 02:52
Thursday, March 28, 2024
ޚަބަރު

ޗާގޯސްއާ ބެހޭ މައުލޫމާތު މަޖިލީހާ ހިއްސާކުރި ވާހަކަ ދޮގުކޮށްފި

ޗާގޯސް މައްސަލައިގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހާ ހިއްސާކޮށްފައިވާނެ ކަމަށް ބަންޑާރަނައިބު އިބްރާޙިމް ރިފްއަތު ވިދާޅުވި ވާހަކަ ރައްޔިތުންގެ މަޖިލީހުން ދޮގު ކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ނޮވެމްބަރު 8 ވަނަ ދުވަހުގެ ރޭ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، 23 އޮގަސްޓު 2019 ގައި މޮރިޝަސްގެ ފަރާތުން، ދިވެހިރާއްޖެއާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަޙައްދުގެ ތެރެއިން ފުށުއަރާ ސަރަހައްދާ ގުޅޭގޮތުން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީއަށް ޔުނައިޓަޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީގެ ދަށުން ހުށަހަޅާފައިވާ މައްސަލައާ ގުޅޭ މައުލޫމާތު މަޖިލީހާ ހިއްސާކޮށްފައިވާކަމަށް ބަންޑާރަނައިބު ވިދާޅުވިނަމަވެސް އެ މައުލޫމާތު ހިއްސާ ކޮށްފައި ނުވާކަމަށެވެ.

"ޗާގޮސްގެ މައްސަލައިގައި މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވިކަމަށް ޚަބަރު ލިބޭ ސިޓީއާއި، ޗާގޮސް މޮރިޝަސްއާ ޙަވާލުކުރުމަށް ގޮވާލާ ޤަރާރަށް އދ.ގެ ޖެނެރަލް އެސެމްބްލީގައި ދިވެހިރާއްޖެއިން މިހާތަނަށް ނަގަމުން އައި ސްޓޭންޑް ބަދަލުކޮށްފައިވާކަން ރައްޔިތުންގެ މަޖިލީހާ މިހާތަނަށްވެސް ހިއްސާކޮށްފައެއް ނުވެއެވެ." މަޖިލީހުން ނެރެފައިވާ ނޫސްބަޔާނުގައިވެއެވެ.

މަޖިލީހުން ބުނެފައިވަނީ މި މައްސަލައިގައި ރާއްޖެއިން މޮރިޝަސްއާ އެއްކޮޅަށް ވޯޓުލުމަށް ނިންމި ސަބަބެއްވެސް، އަދި މޮރިޝަސްއަށް ތާއީދުކޮށް ވޯޓުލާން ނިންމާފައިވާކަމެއްވެސް އަދި ރައީސްގެ ސިޓީފުޅެއްގެ ވާހަކަވެސް މަޖިލީހާ ހިއްސާ ކޮށްފައިނުވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން ބުނެފައިވަނީ މި މައްސަލައާ ގުޅިގެން، ރައްޔިތުންގެ މަޖިލީހަށް ޚަބަރުތަކުންނާއި އަމިއްލަ ފަރާތަކުން ފޮނުވި ސިޓީއަކާ ގުޅިގެން އެ މައްސަލަ ދިރާސާ ކުރުމަށް އެޓަރނީ ޖެނެރަލާއި އެ އޮފީހުގެ ކަމާގުޅުންހުރި ބޭފުޅުންނާ ބައްދަލުކޮށް މައުލޫމާތުސާފުކުރުމަށް އެދި މަޖިލީހުގެ ކަމާބެހޭ ކޮމިޓީން މިއަހަރުގެ ފެބްރުއަރީ މަހު އެޓަރނީ ޖެނެރަލްގެ އޮފީހަށް ދެ ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

އެ ދެ ސިޓީއާ ގުޅިގެން އެޓަރނީ ޖެނެރަލްގެ އޮފީހުންވެސް އެ މައްސަލައާ ގުޅޭ މައުލޫމާތު ހިމަނައި ދެ ސިޓީއެއް އެ ކޮމިޓީއަށް ފޮނުވި ކަމަށާއި، އެހެންނަމަވެސް އެ ސިޓީއާއެކު ހިމަނާފައިވާ އެންމެހައި ލިޔުންތަކުގެ ސިއްރު ހިފެހެއްޓުމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން އޭރު އެދުނު ކަމަށެވެ. އަދި އެ ސިޓީތަކަށްފަހު މި މައްސަލައާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ރައްޔިތުންގެ މަޖިލީހާ ހިއްސާކުރެވިފައިނުވާ ކަމަށެވެ.

"ވީމާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ކަމާގުޅޭ ޤާނޫނުތަކާއި އަދި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަންޖެހޭ ކަންކަން ހުށަހަޅުއްވުމަށްޓަކައި އޮންނަ އިޖުރާއަތުރަކާއި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ނުވަތަ ރައްޔިތުންގެ މަޖިލީހުން ކަމެއް ފާސްކުރެއްވުމަށް އޮންނަ އިޖުރާއަތުތައް އޮޅޭގޮތަށް މަސްއޫލު ފަރާތްތަކުން މައުލޫމާތު ނުފެތުރެއްވުމަށް އިލްތިމާސްކުރަމެވެ."