Last Updated: June 24, 11:45
Wednesday, June 24, 2026
ޚަބަރު

މެރިން ކޯ އަކީ ވަރުގަދަ ލަޝްކަރަކަށް ހަދަން ޖެހޭ

ދުނިޔޭގައި ވެސް އަދި މި ސަރަހައްދުގައި ވެސް ސަލާމަތީ މަޝްރަހް ދަނީ ބަދަލުވަމުން ކަމަށާއި، ބައެއް ބަދަލުތަކުގެ އަމާޒުހުރީ ރާއްޖެ ފަދަ ކުޑަ، ވަސީލަތްތައް މަދު، ނާޒުކު އިގުތިސާދެއް އޮތް ޤައުމުތަކަށް އެންމެ ހިތްއެދޭ ފަދަ މިސްރާބަކަށް ނޫން ކަމަށް ޑިފެންސް މާރިއާ އަޙްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

އެމްއެންޑީއެފް މެރިން ކޯ އުފެދުނުތާ 13 އަހަރު ފާހަގަކުރުމުގެ ގޮތުން، ކަޅުތުއްކަލާ ކޮށީގައި ރޭ ބޭއްވި "މެރީންސް ޑޭ" ހަފުލާގައި މިނިސްޓަރު ވިދާޅުވީ، ސައިބަ އެޓޭކްތަކާއި، އިންފޮމޭޝަން ކެމްޕޭންތަކާއި، ޢުދުވާނީ ހަރަކާތްތަކުގެ ގޮތުގައި ނުބެލެވޭ ތަފާތު އެކިއެކި ހަރަކާތްތަކުގެ ތެރެއިން ސަރުކާރުތަކާއި ޤައުމުތަކަށް ޕްރެޝަރުކުރުން ފަދަ ހައިބްރިޑް ވޯފެއާ އަކީ މިއަދުގެ އިސްތިރާޖީ މާހައުލުގެ ފަސްމަންޒަރު އޮތް ގޮތް ކަމަށެވެ.

މާރިޔާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ޖުމްހޫރިއްޔާގެ މިނިވަންކަމާއި އިސްތިޤްލާލް އަދި ސިޔާދަތު ހިމާޔަތްކޮށް، ދިފާޢުކޮށް ބެލެހެއްޓުމަކީ ޖުމްލަކޮށް މުޅި އަސްކަރިއްޔާގެ އެންމެ މުހިންމު އެއް ޒިންމާއެކެވެ. އަދި އެ ޒިންމާ އަދާކުރުމުގައި މިހާރު އެމްއެންޑީއެފްގެ ބާރުތައް ތަރުތީބު ކުރެވިފައިވާ ގޮތުން ޤައުމީ އިސްތިރާޖީ އިންސްޓޮލޭޝަންތަކާއި، ކްރިޓިކަލް އިންފްރާސްރަކްޗަ ހިމާޔަތްކުރުމުގައި އެންމެ އިސް ދަޢުރެއް އަދާކުރަން ޖެހޭ ބަޔަކީ އެމްއެންޑީއެފްގެ މެރީންސް ކަމަށް ވިދާޅުވި އެވެ.

"ކްރިޓިކަލް އިންފްރާސްރަކްޗަތަކާއި ސްޓްރެޓެޖިކް އިންސްޓޮލޭޝަންތަކުގެ ގޮތުގައި ކުލަސިފައިކުރެވޭ ތަންތަން ދަނީ ގިނަވަމުން،" މިނިސްޓަރު ވިދާޅުވި އެވެ. "ރާއްޖޭގެ އުތުރާއި ދެކުނުގައި އަދި މެދުރާއްޖެތެރޭގައި ވެސް ބައިނަލް އަޤްވާމީ އެއާޕޯޓްތައް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން އެދަނީ ކުރަމުން. އެހެންވީމަ އެކަންކަމަށް ސިފައިން ތަމްރީންވެ ތައްޔާރަށް ތިބެން އެބަޖެހޭ."

މާރިޔާ ފާހަގަކުރެއްވި ގޮތުގައި މިހާރުގެ ވޯފެއާ ހިނގަނީ އާންމު ޢިބާރާތުން ދަންނަވާ ނަމަ، ގްރޭ ޒޯންގައި އިރެގުލާ ވޯފެއާގެ މަހުފޫމްތަކުގެ ތެރެއިންނެވެ. އަދި ފެންނަފެނުމަށް އަސްކަރީ ހާލަތެއް ނެތަސް، ސަލާމަތީ ބާރުތައް އަބަދުމެ ތިބެން ޖެހެނީ ހާސްކަމެއްގައި، އަބަދާ އަބަދު ތަފާތު ގޮންޖެހުންތައް ކުރިމަތިލަމުން ކަމަށް ވިދާޅުވި އެވެ. ޚާއްޞަކޮށް ޓެކްނޮލޮޖީ އާއި މީސްމީޑިއާ އަށް އައިސްފައިވާ އިންޤިލާބީ ބަދަލުތަކުގެ ސަބަބުން އެ ފަދަ ހަރަކާތްތައް ހިންގުމަށް އެކި ފަރާތްތަކަށް ފުރުޞަތު ފަހިވެގެންދާކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ، ބަދަލުވަމުންދާ މާޙައުލާ އެއްގޮތަށް ރާއްޖޭގެ ދިފާޢު އާއި ސަލާމަތްތައް ހަރަކާތްތެރިވެވޭނެ ލަޝްކަރެއްގެ ގޮތުގައި އެމްއެންޑީއެފް މެރިން ކޯ ބިނާކޮށް، ފުރިހަމައަށް ތައްޔާރުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

އެގޮތުން ސިފައިންނަށް ބޭނުންވާ ތަމްރީނާއި އާލާތްތައް ހޯދައިދި ނުމުގައި ސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދީގެން ދެއްވައިގެން މަސައްކަތްކުރާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިއީ، މެރިން ކޯގެ 13 އަހަރުވީ ތާރީޚުގެ ތެރޭގައި ވެސް ސަރުކާރުގެ ސީދާ ބަޖެޓުން ޚަރަދުކޮށްގެން ހަތިޔާރު ހޯދުނު ފުރަތަމަ ފަހަރު،" މާރިޔާ ވިދާޅުވި އެވެ. "އަދި މިއީ، އެމްއެންޑީއެފުން ކުރަންޖެހޭ މަސައްކަތާއި، މިހާރުގެ އިސްތިރާޖީ މާހައުލުގެ ތެރެއަށް ވިސްނައި އެމްއެންޑީއެފުން އެކަމަށް ތައްޔާރުވެ ތިބުމަށް، ސަރުކާރަށް ވިސްނި، ސަރުކާރުން ކޮށްދެއްވާ ކަމެއް."