ކުރިން ވެސް ހޮލީވުޑްގެ ފިލްމުތަކެއްގައި މަސައްކަތްކޮށްފައިވާ ބޮލީވުޑްގެ އެކްޓަރު އަލީ ފަޒަލް އަނެއްކާ ވެސް ހޮލީވުޑް ފިލްމެއްގެ މަސައްކަތް ފަށައިފި އެވެ.
"އަފްގާން ޑްރިމާސް" ގެ ނަން ދީފައިވާ މި ފިލްމުގެ ޝޫޓިން މިހާރު ކުރިއަށް ދަނީ މޮރޮކޯގަ އެވެ. މީގެ ޑައިރެކްޓަރަކީ ކުރު ފިލްމުތައް ކަމަށްވާ "ޔޫ ޑޯންޓް ހޭވް ޓު ޑައި" އާއި "ޓްވިން ޓަވާ" ގެނެސްދީގެން އޮސްކާ އެވޯޑް ވެސް ހާސިލުކޮށްފައިވާ ބިލް ގަޓެންޓެގް އެވެ.
މީޑިއާތަކުން ބުނީ "އަފްގާން ޑްރީމާސް" އަކީ އަފްގާންގެ އަންހެނުން ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާ އިން ކުރިއަރުވަން އެ ގައުމުގެ ޓެކް ވިޔަފާވެރިޔާ ރޯޔާ މެހްބޫބް 2017 ގައި ފެށި މަސައްކަތަށް ބިނާކޮށް ހަދާ އެއްޗެއް ކަމަށެވެ. އެގޮތުން ފިލްމުގައި އޭނަގެ ރޯލް ކުޅެން ނަގާފައި ވަނީ "ދަ ބޯލްޑް ޓައިޕް" އިން މަޝްހޫރުކަން ހޯދި ނިކޯލް ބޫޝެރީ އެވެ.
ހޮލީވުޑްގެ އާ ޕްރޮޖެކްޓާ ބެހޭ ގޮތުން ސެޕްޓެމްބަރު މަހު ބަތަލާ ރިޗާ ޗައްޑާއާ ކައިވެނިކުރި އަލީ، 36، ބުނީ އަނެއްކާ ވެސް މުހިއްމު ވާހަކައެއް ކިޔައިދޭ ފިލްމެއްގައި ހިއްސާއަކަށްވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އޭނަ އެންމެ ފަހުން ފެނިފައިވާ ހޮލީވުޑްގެ ފިލްމަކީ ފެބްރުއަރީގައި ރިލީޒްކުރި "ޑެތު އޮން ދަ ނައިލް" އެވެ. އޭގެ ކާސްޓްގައި ކެނެތު ބްރެނާ، ގަލް ގެޑޯ، ރަސެލް ބްރޭންޑް، ޓޮމް ބޭޓްމަން އަދި ލެޓީޝިއާ ރައިޓް ގަދަ ތަރިން ހިމެނެ އެވެ.
އަލީގެ ކުރިއަށް ހުރި ހޮލީވުޑްގެ ޕްރޮޖެކްޓްތަކުގެ ތެރޭގައި ޖެރާޑް ބަޓްލާއާ އެކު ކުޅެފައިވާ ކަންދަހާރް ހިމެނެ އެވެ. އޭނަގެ ކުރިއަށް ހުރި ހިންދީ ފިލްމުތަކުގެ ތެރޭގައި "ކޫފިޔާ" އަދި "ފުކްރޭ 3" ހިމެނެ އެވެ. އަލީގެ އެންމެ ފަހުގެ ފިލްމަކީ މި މަހުގެ 4 ގައި ޒީ5 އިން ޕްރީމިއާކުރި "ތަޅްކާ" އެވެ.
އޭނަ ކުޅުނު ހޮލީވުޑްގެ ފިލްމުތަކުގެ ތެރޭގައި "ފާސްޓް އެންޑް ފިއުރިއަސް 7" އާއި "ވިކްޓޯރިއާ އެންޑް އަބްދުލް" ހިމެނެ އެވެ.