އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕްގެ ގްރޫޕް އޭ ގެ އެއްވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ސެމީ ފައިނަލަށް އެފްސީ ބޭރުމަތި ދަތުރުކޮށްފިއެވެ.
މި މުބާރާތުގެ އެއްވަނަ ގްރޫޕް ސްޓޭޖުގައި އޭ ގްރޫޕްގެ އެންމެ ފަހު މެޗުގައި ބައްދަލު ކުރީ، މީދޫ ކްލަބް ލޮތާރި ޓީމާއި، ހިތަދޫގެ އެފްސީ ބޭރުމަތި ޓީމެވެ. މިމެޗުގެ 2-7 އިން ކާމިޔާބުކޮށްފައިވަނީ ބޭރުމަތި އެފްސީންނެވެ. މިއާއެކު ބޭރުމަތި ޓީމަށް 9 ޕޮއިންޓް ލިބިފައިވާއިރު، ގްރޫޕުގެ އެއްވަނަ އެ ޓީމުން ހޯދަނީ ގޯލު ތަފާތުން ކުރި ހޯދައިގެންނެވެ. މި ގްރޫޕުގެ ދެވަނަ ލިބެނީ ފޭދޫ ސްޕޯޓްސްއަށެވެ.
ބޭރުމަތި ޓީމާއި ލޮތާރި ޓީމު ބައްދަލު ކުރި މެޗުގެ ފުރަތަމަ ހާފުގައި ބޭރުމަތި ޓީމުން ވަނީ ފަސޭހަ ކަމާއި އެކު ގިނަ ލަނޑުތަކެއް ޖަހައި ބޮޑު ލީޑެއް ނަގާފައެވެ. އެގޮތުން 5 ވަނަ މިނެޓުގައި ބޭރުމަތި ޓީމުގެ މުހައްމަދު އިންޝާލް ލޮތާރި ޓީމުގެ ގޯލު ހުޅުވައި ދިން އިރު، 11 ވަނަ މިނެޓުގައި އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ، އަހުމަދު ނާޝިދެވެ.
މި ހާފު ބޭރުމަތި ޓީމުން އެއްކޮށް ކޮންޓްރޯލް ކުރިއިރު، ލޮތާރި ޓީމަށް ލަނޑު ޖަހަން ލިބުނު މަދު ފުރުސަތުވެސް ބޭނުން ނުހިފެއެވެ. ބޭރުމަތި ޓީމުގެ ތިން ވަނަ ލަނޑު ޖަހައި ދިނީ 35 ވަނަ މިނެޓުގައި އީމާން ނަޒީރުއެވެ. އަދި 4 ވަނަ ޖެހީ ދެވަނަ ލަނޑުވެސް ކާމިޔާބުކޮށްދިން އަހުމަދު ނާޝިދުއެވެ. މިހާފު ނިންމާލުމުގެ ކުރީން އީމާން ނަޒީރުގެ އިތުރު ލަނޑެއް ފެނިގެން ދިޔައެވެ. މިއާއެކު ހާފު ނިންމާލީ 0-5 އިން ބޭރުމަތި ޓީމު ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ލޮތާރި ޓީމުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައެވެ. އަދި ގޯލު ޖަހާނެ ފުރުސަތުވެސް ކައުންޓަރ އެޓޭކް ތަކުން ފަހި ކުރިއެވެ. ނަމަވެސް ލޮތާރި ޓީމުގެ މުހައްމަދު ރަހިފްގެ އަތުން ދެވަނަ ހާފުގެ 2 ވަނަ މިނެޓުގައި ބައިކޮޅަށް ލަނޑެއް ވަނެވެ. ނަމަވެސް ލޮތާރި ޓީމުގެ ޒުވާން ކުޅުންތެރިޔާ ހަސަން ސަހާފު އެ 59 ވަނަ މިނެޓުގައި އެ ޓީމަށް ފުރަތަމަ ލަނޑު ކަމީޔާބުކޮށްދީ ބޮޑު ފަރަޤެއް އޮތަސް ސުން ކަނޑާލަ ދިނެވެ.
މިހާފުގައި ބޭރުމަތީގެ އީމާން ނަޒީރުގެ އިތުރު ގޯލެއް ފެނިގެން ދިޔައެވެ. މިއާއެކު ބޭރުމަތި ޓީމުން 7 ލަނޑު ހަމަ ކުރިއެވެ. ނަމަވެސް ހާފުގައި ގިނަ ގޯލުތަކެއް އިތުރަށް ބައިކޮޅަށް ނުވައްދާ ލޮތާރި ޓީމުން ހިފަހައްޓާ ސަހާފު ވަނީ 71 ވަނަ މިނެޓުގައި އިތުރު ގޯލެއް ކާމިޔާބުކޮށްދީފައެވެ. މިމެޗު ނިމިގެ ދިޔައީ 2-7 ގެ ނަތީޖާއިން ބޭރުމަތި ކާމިޔާބުކޮށްގެންނެވެ.
ބޭރުމަތި ގްރޫޕް އޭގެ އެއްވަނަ ހޯދިއިރު، އެ ޓީމުން ކުޅެން ޖެހޭނީ ގްރޫޕް ބީ ގެ ރަނަރ އަޕް ޓީމާއެވެ. އެ ގްރޫޕުގައި މާދަމާ ކުޅޭނީ ގްރޫޕުގެ އެންމެ ވަރުގަދަ ޓީމު މެދުވަލު އެފްސީ އަދި ފޭދޫ ޒުވާން ޓީމު ފާހި ސްޕޯޓްސްއެވެ. މި ވަގުތު ގްރޫޕުގެ ތާވަލް އޮތް ގޮތުން މަރަދޫ އަދި މެދުވަލު ޓީމަށް 6 ޕޮއިންޓާއި އެކު އެއްވަރެވެ. ނަމަވެސް މާދަމާގެ މެޗު މެދުވަލު އެފްސީ ކާމިޔާބު ކޮށްފިނަމަ 9 ޕޮއިންޓާއި އެކު ގްރޫޕުގެ އެއްވަނަ ކަށަވަރު ކުރާނެއެވެ.
މާދަމާ ފާހި ސްޕޯޓްސް އަދި މެދުވަލު އެފްސީ ބައްދަލު ކުރާ މެޗު ފަށާނީ ހަވީރު 4:00 ގައެވެ.
އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕް މެއިން ސްޕޮންސަރަކީ ހެޕީ މާކެޓެވެ.