Last Updated: April 18, 18:36
Thursday, April 18, 2024
ޚަބަރު

ނޮވެމްބަރު 3 ގައި އެއްވެސް ދިވެއްސަކު ނުފިލާ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް - ފޮޓޯ: އެމްއާރްއެމް

މީގެ 34 އަހަރު ކުރިން 1988 ގެ ނޮވެމްބަރު 3 ގައި ބޭރުގެ ކުލީ ސިފައިން ރާއްޖެ އަރައި ހަމަލާދިންއިރު އެއްވެސް ދިވެއްސަކު އަމިއްލަ ރައްކަލަށް ދުވެ ފިލާފައި ނުވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ނަސްރުގެ ދުވަސް ފާހަގަކުރަން އެމްއާރްއެމުން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އޭރުގެ ރައީސްކަމުގެ މަގާމުގައި ހުންނެވި މައުމޫން ވިދާޅުވީ އެމަނިކުފާނުގެ ސެކިއުރިޓީންގެ ގޮތުގައި އޭރު ތިއްބެވި ބޭފުޅުން ވެސް ތިބީ ވަރަށް ވަރުގަދަ ހިތްވަރަކާއި އަޒުމެއްގައި ކަމަށާއި އެ ބޭފުޅުން ބުނަމުންދިޔައީ "ތިމަންނަ މަރުވެގެން ވެއްޓުނީމަ ނޫނީ ކަލޭ ހުރިކަން ވެސް ނާންގާށޭ" ކަމަށެވެ.

"އެހާ ވަރުގަދަ ހިތްވަރަކާއި އަޒުމެއްގައި އެ ބޭފުޅުން ތިއްބެވީ. އެއްވެސް ބޭފުޅަކު، އެއްވެސް ދިވެއްސަކު އަމިއްލަ ރައްކާތެރިކަން ހޯދަންވެގެން ދުވެ ފިލައިގެން ގޮސްފައެއް ނެތް. އެންމެން ވެސް ތިބީ ކޮންމެ މީހަކު ވެސް ހުންނަންޖެހޭ މަގާމުގައި. މިއީ ފަހުރުވެރިވާންޖެހޭ ކަމެއް." މައުމޫން ވިދާޅުވި އެވެ.
ދިވެހިން އެ ދުވަހު ދެއްކި ހިތްވަރުގެ މިސާލެއް ދައްކަވަމުން މައުމޫން ވަނީ މަގުމަތީގައި ޓެރަރިސްޓުންގެ މީހުން ބަޑި ހިފައިގެން އެތަން މިތަނުގައި ތިއްބާ ޖެހިލުންވުމެއް ނެތި ބަޑި ގުދަނުގެ ތަޅުދަނޑި ސިފައިންގެ ތެރެއަށް އެއްލީ ސީދާ ދިވެހި ދަރިއެއް ކަމަށް ވިދާޅުވެފަ އެވެ.

އެ ތަޅުދަނޑި ސިފައިންގެ ތެރެއަށް އެއްލީ ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އިބުރާހިމް މުހައްމަދު ދީދީކަން ފާހަގަކުރައްވަމުން މައުމޫން ވިދާޅުވީ އޭރު އޭނާ އަކީ ކުޑަކުއްޖެއް ކަމަށެވެ. އަދި މިކަމުން ދައްކައިދެނީ ދިވެހިންގެ ހިތުގައި އޮންނަ ސާބިތުކަމާއި ހިތްވަރު ކަމަށްވެސް މައުމޫން ވިދާޅުވި އެވެ.

މިއީ އަބަދުވެސް ދިވެހިން ހަނދާން ކުރަންޖެހޭ ކަމެއް ކަމަށާއި މާތްﷲ ދިވެހިންނަށް ދެއްވާފައިވާ ރަހުމަތާއި ހިތްތަކަށް ދެއްވާފައިވާ ސާބިތުކަމާއި ހިތްވަރަކީ އަމިއްލަ ދިފާއުގައި ބޭނުން ކުރަން އޮތް އެންމެ މޮޅު ހަތިޔާރުކަން ވެސް މައުމޫން ފާހަގަކުރެއްވި އެވެ.