އިނގިރޭސި ލީގު ކަޕްގެ ތިންވަނަ ބުރުން އާސެނަލް، ޗެލްސީ، އަދި ޓޮޓެންހަމް ކަޓައިފި އެވެ.
ލީގު ކަޕްގެ ތިންވަނަ ބުރުން ޗެލްސީ ކެޓީ މެންޗެސްޓާ ސިޓީއާ ބައްދަލުކޮށް 2-0 އިންނެވެ. ބްރައިޓަން އަތުން 3-1 އިން ބަލިވެ އާސެނަލް މުބާރާތުން ކެޓިއިރު ޓޮޓެންހަމް ކެޓީ ނޮޓިންހަމް ފޮރެސްޓާ ބައްދަލުކޮށް 2-0 އިން ބަލިވުމާ ގުޅިގެންނެވެ.
ލީގު ކަޕް 8 ފަހަރު ހޯދާފައިވާ ސިޓީން ރޭ ޗެލްސީއާ ދެކޮޅަށް ނިކުތީ ގިނަ ބަދަލުތަކަކާއެކު އެވެ. މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް މި ހާފުގައި ދެ ޓީމަށް ވެސް ގޯލްޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައިވެ އެވެ.
ނަމަވެސް ދެވަނަ ހާފްގައި ސިޓީން ވަނީ ކައިރި ކައިރީގައި ދެ ގޯލް ކާމިޔާބުކޮށް މެޗުން މޮޅުވެފަ އެވެ. އެގޮތުން 53 ވަނަ މިނެޓްގައި ސިޓީގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްދިނީ ރިޔާދް މަހްރޭޒް ކަމަށްވާއިރު އޭގެ ފަސް މިނެޓް ފަހުން އެޓީމުގެ ދެވަނަ ގޯލް ކާމިޔާބުކޮށްދިނީ ޖޫލިއަން އަލްވަރޭޒް އެވެ.
އާސެނަލްގެ އަމިއްލަ ދަނޑުގައި ރޭ ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ގޯލް ކާމިޔާބުކޮށް ލީޑު ނެގީ ވެސް އާސެނަލުންނެވެ. އެގޮތުން މެޗުގެ 20 ވަނަ މިނެޓްގައި އެޑީ އެންކެޓިއާ އާސެނަލަށް ލީޑު ނަގައިދިން ނަމަވެސް އޭގެ ހަތް މިނެޓް ފަހުން ލިބުނު ޕެނަލްޓީއަކުން ޑެނީ ވެލްބެކް ވަނީ ބްރައިޓަން އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.
ބްރައިޓަން އިން ލީޑު ނެގީ މެޗުގެ 58 ވަނަ މިނެޓްގައި މިޓޯމާ ކާމިޔާބުކުރި ގޯލުން ކަމަށްވާއިރު މެޗުގެ 71 ވަނަ މިނެޓްގައި ތާރިގް ލެމްޕްޓީ ވަނީ ބްރައިޓަންގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމު މުބާރާތުގެ ހަތަރުވަނަ ބުރަށް ގެންގޮސްދީފަ އެވެ.
ރަށުން ބޭރުގައި ކުޅެ ޓޮޓެންހަމް އިން ނޮޓިންހަމް ފޮރެސްޓްގެ އަތް ދަށުވި އިރު މެޗުގައި ފެނިގެންދިޔަ ދެ ގޯލުވެސް ފެނިގެން ގޮސްފައިވަނީ ދެވަނަ ހާފްގަ އެވެ. މި ދެ ގޯލް ފޮރެސްޓަށް ކާމިޔާބުކޮށްދީފައިވަނީ ރެނަން ލޮޑީ އާއި ޖެސީ ލިންގާޑެވެ. މެޗުގެ 75 ވަނަ މިނެޓްގައި ފޮރެސްޓްގެ އޮރެލް މަންގާލާ އަށް ދެއްކި ރަތްކާޑާއެކު އެޓީމުން މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ.
ލީގު ކަޕްގައި ރޭ ޕެނަލްޓީގައި 3-2 އިން ޑާބީ ކައުންޓީ ބަލިކުރުމަށްފަހު ލިވަޕޫލް އަނެއް ބުރަށް ދަތުރުކުރިއިރު ޕެނަލްޓީގައި ބްލެކްބާން ރޯވާސް އަތުން 10-9 އިން ބަލިވެ ވެސްޓްހަމް ޔުނައިޓެޑް ވެސް ވަނީ މުބާރާތުން ކަޓާފަ އެވެ.