Last Updated: July 17, 18:07
Friday, July 17, 2026
ކުޅިވަރު

ފްރާންސްގެ ސްކޮޑުގައި ވަރާން ހިމަނައިފި

ގަތަރުގައި މި މަހު ފަހުކޮޅު ފަށާ ވޯލްޑް ކަޕަށް ފްރާންސް އިން ނެގި ސްކޮޑުގައި އަނިޔާގެ ސަބަބުން މިވަގުތު ކުޅުމާ ދުރުގައި ހުރި މެންޗެސްޓާ ޔުނައިޓެޑްގެ ޑިފެންޑަރު ރަފޭލް ވަރާން ހިމަނައިފި އެވެ.

ވޯލްޑް ކަޕަށް ފްރާންސުން ނެގި 25 ކުޅުންތެރިންގެ ސްކޮޑު ރޭ އިއުލާންކޮށްފައިވާއިރު ވަރާންގެ އިތުރުން އަނިޔާގެ ސަބަބުން މިވަގުތު ކުޅުމާ ދުރުގައި ހުރި ރެއާލް މެޑްރިޑްގެެ ފޯވާޑް ކަރީމް ބެންޒެމާ ވެސް ވަނީ ސްކޮޑުގައި ހިމަނާފަ އެވެ. އަދި އަނިޔާގެ ސަބަބުން މި ސީޒަނުގައި މާގިނަ މެޗުތަކެއް ކުޅެވޭ ގޮތް ނުވެފައިވާ ޕީއެސްޖީގެ ޑިފެންޑަރު ކިމްޕެމްބޭ އަށް ވެސް ސްކޮޑުން ފުރުސަތު ދީފައިވެ އެވެ.

އަނިޔާގެ ސަބަބުން ފްރާންސްގެ މެދުތެރޭގައި ފާއިތުވި އަހަރުތަކުގައި މުހިއްމު ދައުރެއް އަދާކުރި އެންގޯލޯ ކަންޓޭ އާއި ޕޯލް ޕޮގްބާ މިފަހަރު ސްކޮޑަށް ނަގާފައި ނުވާއިރު އެ ކުޅުންތެރިން ނެތްތަން ފޫބައްދަން ސްކޮޑަށް ނަގާފައިވަނީ ޒުވާން ހުނަރުވެރި ކުޅުންތެރިންނެވެ.

ފްރާންސަކީ ވޯލްޑް ކަޕްގެ އެންމެފަހުގެ ޗެމްޕިއަނުންނެވެ. އަދި މި މުބާރާތާއި ފްރާންސުން ކުރިމަތިލަނީ ވެސް ފެވަރިޓުންގެ ގޮތުގަ އެވެ.

ވޯލްޑް ކަޕްގައި ފްރާންސް މިފަހަރު ލައްވާލާފައިވަނީ އޮސްޓްރޭލިއާ، ޑެންމާކް އަދި ޓިއުނީޝިޔާއާއެކު ގްރޫޕް ޑީ ގަ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި މި މަހުގެ 23 ވަނަ ދުވަހު ފްރާންސް ބައްދަލުކުރާނީ އޮސްޓްރޭލިޔާއާ އެވެ.

ވޯލްޑް ކަޕަށް ނެގި ފްރާންސްގެ ސްކޮޑް:

ގޯލްކީޕަރުން: ހޫގޯ ލޮރިސް، ސްޓީވް މަންޑަންޑާ، އަލްފޮންސް އަރެއޯލާ

ޑިފެންޑަރުން: ލޫކަސް ހަނާންޑޭޒް، ތިއޯ ހަނާންޑޭޒް، ޕްރެސްނަލް ކިމްޕެމްބޭ، އިބްރާހިމާ ކޮނާޓޭ، ޖޫލްސް ކޫންޑޭ، ބެންޖަމިން ޕަވާޑް، ވިލިއަމް ސަލީބާ، ރަފޭލް ވަރާން، ޑަޔޮޓް އުޕަމެކާނޯ

މިޑްފީލްޑަރުން: އެޑުއާޑޯ ކަމަވިންގާ، ޔޫސޮފް ފޮފާނާ، މަޓެއޯ ގުއެންޑޫޒީ، އެޑްރިއެން ރަބިއޯ، އައުރެލިއަން ޝުއަމީނީ، ޖޯޑަން ވާޓޫޓް

ފޯވާޑުން: ކަރީމް ބެންޒެމާ، ކިންގްސްލީ ކޯމަން، އޮސްމާނޭ ޑެމްބެލޭ، އޮލިވިއޭ ޖިރޫ، އެންޓުއާން ގްރިޒްމަން، ކިލިއަން އެމްބާޕޭ، ކްރިސްޓޮޕާ އެންކުންކޫ