Last Updated: July 17, 18:07
Friday, July 17, 2026
ކުޅިވަރު

ވޯލްޑް ކަޕަށް ސޮން ފިޓްވެއްޖެ

ވޯލްޑް ކަޕަށް ފިޓްވެފައިވާ ކަމަށް ޓޮޓެންހަމަށް ކުޅެމުން އަންނަ ދެކުނު ކޮރެޔާގެ ފޯވާޑް ހިއުންގް މިން ސޮން ބުނެފި އެވެ.

ޗެމްޕިއަންސް ލީގުގައި މި މަހުގެ ކުރީކޮޅު ޓޮޓެންހަމުން ފްރާންސްގެ މާސޭއާ ދެކޮޅަށް ކުޅުނު މެޗުގައި ސޮންގެ ލޯ ކައިރި އަށް ލިބުނު އަނިޔާއެއްގެ ސަބަބުން މިދިޔަ ހުކުރު ދުވަހު އޭނާ ވަނީ އޮޕަރޭޝަނެއްކޮށްފަ އެވެ.

އެ އޮޕަރޭޝަނުގެ ސަބަބުން ސޮން އަށް ވޯލްޑް ކަޕްގައި ކުޅެވޭނެ ކަމާމެދު ބައެއް ފަރާތްތަކުން ޝައްކު އުފައްދަމުންދިޔައިރު ސޮން ބުނީ ވޯލްޑް ކަޕްގައި ގައުމު ތަމްސީލު ކުރުމަކީ ކުޑައިރުއްސުރެން ފެށިގެން ދެކެމުން އަންނަ ހުވަފަނެއް ކަމަށާއި އެ ފުރުސަތު ނަގާ ނުލާނެ ކަމަށެވެ. އަދި ގައުމު ތަމްސީލުކުރަން ކެތްމަދުވެފައިވާ ކަމަށްވެސް ސޮން ބުންޏެވެ.

ރިޕޯޓުތައް ބުނާގޮތުން ސޮން ވޯލްޑް ކަޕްގައި މިފަހަރު ކުޅޭނީ ލޮލަށް ގެއްލުމެއް ނުލިބޭ ގޮތަށް މާސްކެއް އަޅައިގެންނެވެ.

ދެކުނު ކޮރެޔާ ވޯލްޑް ކަޕްގައި ލައްވާލާފައިވަނީ ޕޯޗުގަލް އާއި ގާނާ އަދި އުރުގުއޭއާ އެކު ގްރޫޕް އެޗްގަ އެވެ. ގްރޫޕްގެ ފުރަތަމަ މެޗުގައި މި މަހުގެ 24 ގައި ދެކުނު ކޮރެޔާ ބައްދަލުކުރާނީ އުރުގުއޭއާ އެވެ.

މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގެ ރަން ބޫޓު ހާސިލުކުރި ސޮން އަށް މި ސީޒަނުގައި މާ އެދެވޭ ކުޅުމެއް މިހާތަނަށް ދެއްކިފައެއް ނުވެ އެވެ. އެގޮތުން މި ސީޒަނުގައި އޭނާ ކުޅުނު 19 މެޗުގައި ކާމިޔާބު ކުރެވުނީ އެންމެ ފަސް ގޯލެވެ.