އަބަދު ވެސް ވަރަށް ތަފާތު ކޮންޓެންޓްތަކުގެ ފިލްމުތައް ކުޅެމުން އަންނަ އަޔޫޝްމަން ކްރާނާގެ "އޭން އެކްޝަން ހީރޯ" އަންނަ މަހު ރިލީޒްކުރަން ނިންމައި އޭގެ ޕޯސްޓަރު ވެސް ދައްކާލައިފި އެވެ.
އެއްކޮށްހެން އިނގިރޭސިވިލާތުގައި ޝޫޓްކުރި މި ފިލްމަކީ ޓީ ސީރީޒްގެ ބުޝަން ކުމާރާއި ޑައިރެކްޓަރު އާނަންދު އެލް ރާއީ ގުޅިގެން ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ. "އޭން އެކްޝަން ހީރޯ" ގެ ޑައިރެކްޓަރަނީ އަނިރޫދް އައްޔަރެވެ.
މީގެ ނަމުން އެކްޝަން ފިލްމަކަށް ވާނެ ކަމަށް ގަބޫލުކުރެވުނަސް، އުންމީދުކުރަން ވާނީ އަޔޫޝްމަންގެ އާންމު އުސޫލުގެ މަތިން ވަރަށް ތަފާތު ކޮންސެޕްޓެއް ފެނިގެން ދާނެ ފިލްމަކަށް ވާނެ ކަމަށެވެ. އެހެންވެ "އޭން އެކްޝަން ހީރޯ" ގެ ޓްރެއިލާ އަށް މާދަމާ އިންތިޒާރުކުރަމާ ހިނގާށެވެ. މިއާ ބެހޭ ގޮތުން އަޔޫޝްމަން ކުރިން ބުނެފައި ވަނީ މިއީ ހަމަ ތަފާތު ފިލްމަކަށް ވާނެ ކަމަށެވެ.
"ވިކީ ޑޯނާ" އިން 2012 ގައި ބޮލީވުޑަށް ނުކުތް ނުކުމެ "ދަމް ލަގާ ކޭ ހައިޝާ" އާއި "ޝުބް މަންގަލް ސާވްދާން" އާއި "ބެރިލީ ކީ ބަރްފީ" އާއި "އަންދާދުން" އާއި "ބަދާއީ ހޯ" "ބާލާ" އާއި "ޑްރީމް ގާލް" އަދި "ޗަންދީގަޅް ކަރޭ އާޝިގީ" ފަދަ ކާމިޔާބު ފިލްމުތައް ކުޅުނު އެކްޓަރު އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ މަހު ރިލީޒްކުރި "ޑޮކްޓަރު ޖީ" އިންނެވެ.