Last Updated: June 10, 14:00
Wednesday, June 10, 2026
ޚަބަރު

ބަޖެޓް ކޮމިޓީގެ މުގައްރިރު، ގަވަރުނަރުގެ ލަފާ މެމްބަރުންނަށް ހިއްސާނުކުރާތީ ކަންބޮޑުވުން

ބަޖެޓް ކޮމިޓީގެ މުގައްރިރު ނާޝީޒު، ނައިބު ރައީސް އީވާ--

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް އެމްއެމްއޭގެ ގަވަރުނަރު ދެއްވި ލަފާ، ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މެމްބަރުންނަށް އެ ކޮމިޓީގެ މުގައްރިރު ހިއްސާނުކުރައްވާތީ މަޖިލީހުގެ ރިޔާސަތުން އެކަމުގައި ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ ބަޖެޓް ދިރާސާ ކުރަމުންދާއިރު މަޖިލީހުގެ ގަވައިދުގެ ދަށުން ބަޖެޓާ ގުޅޭގޮތުން އެކި ފަރާތްތަކުން ލަފާ ހޯދުމަކީ ބަޖެޓް ދިރާސާކުރާ ކޮމިޓީން ކުރާ ކަމެއް ކަމަށެވެ. އެގޮތުން ގަވަރުނަރާއި އޮޑިޓަރ ޖެނެރަލްގެ ފަންނީ ލަފާފުޅު ހޯދުމަކީ ކޮންމެ އަހަރަކުވެސް ބަޖެޓް ދިރާސާކުރާ ކޮމިޓީން އެދިގެން ކުރާ ކަމެއް ކަމަށެވެ.

އަންނަ އަހަރުގެ ބަޖެޓާއި ގުޅޭގޮތުން ގަވަރުނަރުގެ ލަފާފުޅު މަޖިލީހަށް 8 ނޮވެމްބަރުގައި ފޮނުވާފައިވާކަން ފާހަގަކޮށް އީވާ ވިދާޅުވީ، މަޖިލީހުގައި ބަޖެޓް ބަހުސް ފެށުމުގެ ކުރިން ގަވަރުނަރުގެ ލަފާފުޅު ފޮނުވާފައިވާ ކަމަށެވެ.

"އެހެންނަމަވެސް ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މެމްބަރުންނަށް، ބަޖެޓް ދިރާސާކުރާ ކޮމިޓީގެ ފަރާތުން އަދި އެ ލަފާފުޅު ހިއްސާ ނުކުރުމަކީ އަޅުގަނޑު ވަރަށް ކަންބޮޑުވާ ކަމެއް." އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ އެގޮތަށް ފޮނުވާތަކެތީގައި ކޮމިޓީގެ މުގައްރިރަށް ނުވަތަ މަޖިލީހުގެ ރިޔާސަތަށް އެޑްރެސް ކޮށްފައި އޮތްނަމަވެސް، އެ ހިއްސާކުރަން ޖެހެނީ ބަޖެޓް ދިރާސާކުރާ ކޮމިޓީގެ ހުރިހާ މެމްބަރުންނާ ކަމަށެވެ.

"އެއީކީ ބަޖެޓް ދިރާސާކުރާ ކޮމިޓީގެ ރިޔާސަތަށް، ނުވަތަ މަޖިލީހުގެ ރިޔާސަތަށް އެކަނި ލިބެން އޮންނަ އެއްޗެއް ނޫން." އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ ބަޖެޓް ދިރާސާ ކުރާ ކޮމިޓީ މެމްބަރުންނަށް ގަވަރުނަރުގެ ލަފާފުޅު ހިއްސާކުރުމަށް، ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މުގައްރިރަށް ވަރަށް ބޮޑަށް އިލްތިމާސްކުރާކަމަށެވެ.

ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މުގައްރިރަކީ ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒްއެވެ. އެ ކޮމިޓީގެ ނައިބު މުގައްރިރަކީ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިންއެވެ.