މާލޭގެ އޮލިމްޕަސް ސިނަމާ ނުހުޅުވި ލަސްވާތީ ފިލްމީ ތަރި އަލީ ސީޒަން އަނެއްކާ ވެސް ފާޑު ކިޔައިފި އެވެ.
މަޖީދީ މަގުގައި ހުންނަ ސިނަމާގެ ތެރޭގައި ސީޒަން ހަރަކާތްތެރިވާ ވީޑިއޯއެއްގައި އޭނަ ބުނެފައި ވަނީ ސިނަމާ ބަންދުކުރިތާ ތިން އަހަރުވާ އިރު ވެސް އެތަން ނުހުޅި ލަސްވެގެން ދަނީ ޒިންމާ ނަގަން ތިބި މީހުންގެ ނާގާބިލުކަމުން ކަމަށެވެ. ސީޒަން ބުނީ ހަދާފައި ހުރި ސިނަމާއެއްގެ މަރާމާތަށް ތިން އަހަރު ނެގުމަކީ ބޮޑުވަރު ކަމަށެވެ.
"މި މީހުން ރިނޮވޭޝަން ހަދަން ތިން އަހަރު މިދިޔަ އިރު މިއޮތީ މިތަން އޮތް ގޮތް. ބުނެލަން އޮތީ އަސްލު ތަރައްޤީގެ ބައިވަރު މަސައްކަތްތައް އެކި ސަރުކާރުތަކުން އެބަހުރި ކޮށްފައި. އެކަމަކު ކަންކަން އެ ކުރަނީ ކުރެވޭ ވަރުގެ މީހުންނޭ." ސީޒަން ބުންޏެވެ.
އޮލިމްޕަސް ހުޅުވޭނެ ދުވަހެއް ނޭންގޭ… ކަންކަމާ ހަވާލުވެފަ ތިބި މީހުން ބޭނުންވާގޮތް ކަންނޭނގެ މީ… އަޕްޑޭޓް ބަލާލާފަ ޓްވީޓް ކުރަމުން މިދަނީ…@muaa_abdulla @yumna_maumoon އަކީ ފެއިލްއަރ އެއް… ފިނޭންސް މިނިސްޓްރީއިން @iameeru ބަޖެޓްދޭ.. ކަންކަން ކުރެވޭނީ ކަންކަން ކުރަން އުޅުނީމަ. pic.twitter.com/qvr8D9XSZf
— A B B E (@ar_abbe) November 9, 2022
އޭނަ އަކީ އޮލިމްޕަސް ނުހުޅުވައިގެން އެންމެ ބޮޑަށް ފާޑުކިޔާ އެކެކެވެ. އަދި އޮލިމްޕަސް ކޮވިޑާ ދިމާކޮށް 2020 ގެ މާޗް މަހުގެ ކުރީކޮޅު ބަންދުކުރީ ވެސް ސީޒަންގެ ފިލްމެެއް އަޅުވާފައި އޮއްވަ އެވެ. އެއީ އޭނަ ކުޅެ، ޑައިރެކްޓްކުރި "އަނދިރިކަން" އެވެ. އޮލިމްޕަސް ހުޅުވާނެ އިރެއް ކަށަވަރު ނުވާ އިރު، އެތަން ހުޅުވާނެ އިރެއްގެ އިންތިޒާރުގައި ސީޒަންގެ އެހެން ފިލްމެއް ވެސް އޮތީ ބާއްވައިފަ އެވެ. އެއީ އޭނަ ކުޅެ، ޑައިރެކްޓްކުރި "ލޯބިވެވިއްޖެ" އެވެ.
އޮލިމްޕަސް ނުހުޅުވި ލަސްވާ މައްސަލާގައި އާޓްސް މިނިސްޓަރު ޔުމްނާ މައުމޫން މިދިޔަ ސެޕްޓެމްބަރު މަހު މަޖިލީހަށް ލިޔުމުން ފޮނުއްވި ޖަވާބުގައި ވިދާޅުވެފައި ވަނީ މަރާމާތުތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި މި އަހަރު ނިމުމުގެ ކުރިން އެތަން ހުޅުވާނެ ކަމަށެވެ. ކުރިން ސެޕްޓެމްބަރު މަހުގެ ތެރޭގައި އޮލިމްޕަސް ހުޅުވައިފާނެކަމުގެ އިޝާރާތެއް ދިނެވެ.
އެ ސިނަމާ އަކީ ރާއްޖޭގައި ދިވެހި ފިލްމުތައް އަޅުވާ ހަމައެކަނި ރަސްމީ ސިނަމާ އެވެ.