:އައްޑޫ ކައުންސިލުން ކުރިއަށް ގެންދާ ޓޫރިޒަމް ފޯރަމް މިއަދު ފަށައިފި އެވެ.
މި ފޯރަމް ކުރިއަށް ގެންދަނީ ގަމުގެ އީކްއޭޓަ ވިލެޖްގެ ބްލޫ ލެގޫންގަ އެވެ. ފޯރަމްގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވެސް ބައިވެރިވަޑައިގަންނަވަ އެވެ. މީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ސޯލިހާއި އައްޑޫގައި ހުންނަވާ ޕްލޭނިން މިިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި އައްޑޫގެ ކުރީގެ މޭޔަރު އަބްދުށް ސޯދިގް (ސޯބެ) ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.
ހެނދުނު 9:00 ގައި ފެށި ފޯރަމް މިއަދު ހަވީރު 4:00 ހަމައަށް ކުރިއަށްދާ އިރު، މީގައި 100 އެއްހާ މީހުން ބައިވެރިވެ އެވެ. އޭގެ ތެރޭގައި އައްޑޫގެ ޓޫރިޒަމް ސެކްޓަރުގެ މީހުންނާއި ދަތުރުފަތުރުގެ ހިދުމަތްދޭ ފަރާތްތަކާއި ބޭންކް އަދި ގަން އެއާޕޯޓް ވެސް ހިމެނެ އެވެ.
ކައުންސިލުން ބުނި ގޮތުގައި މި ފޯރަމްގެ ބޭނުމަކީ އައްޑޫގެ ޓޫޒިޒަމް ދާއިރާގައި މަސައްކަތްކުރާ ސްޓޭކްހޯލްޑަރުން އެއް ތަނަކަށް ޖަމާވެ، އައްޑޫގެ ޓޫރިޒަމްގެ ކުރިމަގާ ގުޅޭ ގޮތުން މަޝްވަރާކޮށް، ހިޔާލު ބަދަލުކޮށް އެ ދާއިރާ އިން ކުރިއަށް ދެވޭނެ ގޮތްތަކެއް ހޯދަން މަސައްކަތްކުރުމެވެ.
ފޯރަމާ ބެހޭ ގޮތުން ކައުންސިލްގެ ޓޫރިޒަމް ކޮމިޓީގެ މުގައްރަރު އަދި ހިތަދޫ ރަސްގެދަރި ދާއިރާގެ ކައުންސިލަރު ހުސައިން ޒަރީރު "އައްޑޫ ލައިވް" އަށް ވިދާޅުވީ މި ފޯރަމްގައި އައްޑޫގެ ޓޫރިޒަމާ މެދު މިހާރު ހުރި ކަންބޮޑުވުންތަކާއި މައްސަލަތަކާ ގުޅޭ ގޮތުން ވަރަށް ފުޅޮށް މަޝްވަރާކޮށް ހިޔާލު ބަދަލުކުރެވޭނެ ކަމަށެވެ.
"އަދި މިއަށް ބިނާކޮށް އަޅުގަނޑުމެން އެކްޝަން ޕްލޭންތަކެއް ވެސް އެކުލަވާލާނަން. އެހެންވީމަ މިއަދުގެ މި ފޯރަމަކީ އައްޑޫގެ ޓޫރިޒަމާ ގުޅޭ ގޮތުން ބޭއްވޭ ވަރަށް ހާއްސަ މަސައްކަތެއް." އޭނާ ވިދާޅުވި އެވެ.
ކައުންސިލުން ޓޫރިޒަމް ފޯރަމެއް ކުރިއަށް ގެންދާ އިރު، އައްޑޫގައި ލޯކަލް ޓޫރިޒަމް ކުރިއަރުވައި އައްޑޫގެ ބެޑް ކެޕޭސިޓީ 8،000 އަށް އިތުރުކުރަން ނިންމާފައި އޮތް ނަމަވެސް އެކަމާ ގުޅުން ހުރި މަސައްކަތްތަކެއް ކުރިއަކަށް ނުދެ އެވެ. އެގޮތުން ކައުންސިލުން އައްޑޫގައި ފަސް ޓޫރިޒަމް ޒޯން ކަނޑައަޅައި އެތަންތަނުން ގިނަ ބިންތަކެއް ދޫކޮށްފައިވެ އެވެ. އެކަމަކު އެއިން އެއްވެސް ތަނެއްގައި މިހާތަނަށް ޓޫރިސްޓް ފެސިލިޓީއެއް ހެދިފައެއް ނެތެވެ.
އަނެއްކޮޅުން އައްޑޫގެ ރިސޯޓްތަކުގެ ތެރެއިން ރާއްޖޭގެ އެންމެ މަތީ ފަންތީގެ ރިސޯޓްތަކުގެ ތެރޭގައި ހިމެނެނު ޝަންގްރިއްލާ ރިސޯޓް އެންޑް ސްޕާ ވެސް ބަންދުކުރި ފަހުން، އެތަނުގެ މައްސަލަ ކޮޅެއްގައި ނުޖެހި ދިގުލައިގެންދާތާ ތިން އަހަރު ވަނީ އެވެ.