މާލޭގައި ރޭ ހިނގާދިޔަ އަލިފާނުގެ ހާދިސާއަކީ މިފަހުގެ ތާރީހެއްގައި އަލިފާނުގެ ހާދިސާއެއްގައި ހިނގާދިޔަ އެންމެ ހިތާމަވެރި ހާދިސާކަމަށް ކަމާބެހޭ އިދާރާތަކުން ބުނެފިއެވެ.
ގަރާޖެއްގައި ރޯވެ، އަލިފާންގަނޑު އެ އިމާރާތުގެ ދެ ބުރިއަކަށް ފެތުރިގެންދިޔައިރު، މިހާދިސާގައި މިހާތަނަށް 10 މީހަކު ނިޔާވެފައިވާކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ.
މިހާދިސާއާ ގުޅޭގޮތުން މީޑިއާއަށް މައުލޫމާތުދެއްވަމުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް ކޮމަޑާން ކާނަލް އިބްރާހީމް ރަޝީދު ވިދާޅުވީ، ފަޔަރ ފައިޓަރުން އެ ސަރަހައްދަށް ދިޔައިރުވެސް އަލިފާންގަނޑު ވަރަށް ބޮޑަށް ރޯވެފައިވާ ކަމަށެވެ. އަދި ފަޔަރ ފައިޓަރުން މަސައްކަތްކުރީ އެ އަލިފާންގަނޑު އިތުރަށް ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމަށްކަމަށެވެ.
ގަރާޖުގެ މަތީގައި މީހުން އުޅޭކަން ބިދޭސީން އުޅޭކަން ފާހަގަކޮށް އަދި އެމީހުން އުޅޭ ހާލު ބަޔާންކޮށް ކާނަލް އިބްރާހީމް ރަޝީދު ވިދާޅުވީ، އެ މީހުން މަސައްކަތްކުރަމުން ދިޔައީ ކޮންމެ އެނދެއް ކައިރީގައި ކުދިކުދި ބިސީ ތަކެއްގެ ގޮތުގައި ކަމަށެވެ. އެހެންކަމުން ކޮންމެ އެނދެއް ކައިރީގަ ކަހަލަ ގޮތަކަށް ކައްކާ ގޭސް ހުންނަކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ކާނަލް އިބްރާހީމް ރަޝީދު ވިދާޅުވީ މަރުވި މީހުން ކާކުކަން ދެނެނުގަނެވޭ ވަރަށް އަނދާފައިވާ ކަމަށެވެ.
މި އަލިފާނުގެ ހާދިސާގެ ތަހުގީގު ދިވެހި ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ކުރަމުންނެވެ.
މިހާދިސާއާ ގުޅޭގޮތުން އެމްއެންޑީއެފްއިން ބުނެފައިވަނީ މިހާދިސާގައި ފުރަތަމަ ފެނުނު ދެމީހުން އައިޖީއެމްއެޗްއަށް ފޮނުވާލި ކަމަށެވެ. އޭގެން އެކަކު ނިޔާވިއިރު، އަނެއްމީހާގެ ހާލު ކްރިޓިކަލް ކަމަށެވެ. އަދި އިމާރާތުގެ ތެރެެއިން 9 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ.