ޗާގޯސް މައްސަލާގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހައްދަވަނީ ދޮގު ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
ޗާގޮސްގެ މައްޗަށް ސިޔާދަތީ ބާރު ހިންގަން ރާއްޖެ އަށް ލިބުނު އެންމެ ފަހު ފުރުސަތު ގެއްލުވާލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކަމަށް ވިދާޅުވެ ޝާހިދު އިއްޔެ މީޑިއާތަކާ ބައްދަލުކުރައްވައި ދެއްކެވި ވާހަތަކާ ގުޅިގެން ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހޮހަޅައިގައި އޮންނަވައި ފޯޅަވަހި މައްސަލައިގައި ޝާހިދު ހައްދަވަނީ ބުހުތާނު ދޮގު ކަމަށެވެ.
"[އެތަން ދޫކޮށްލުމާ ގުޅޭ] ޓީ ފޮނުވީ ހަމަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނޫން ކަމަށް ނުބުނެވުނު،" އޭނާ ވިދާޅުވި އެވެ. "ޝާހިދަކީ މި ޑީލް ފައިނަލްކޮށް، ޖަރީމާގެ މޭސްތިރިޔާ. މި ވެރިކަން ނިމި، ދިވެހިންގެ ވެރިކަމުގައި ފޯޅަވަހި ދޫކުރިކުރުން ބާތިލުކުރާނެ."
ޝާހިދު ވިދާޅުވި ގޮތުގައި 2017 ވަނަ އަހަރާ ހަމައަށް އައި އިރު މޮރިޝަސް ސަރުކާރުން ކުރަމުން އައި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ޗާގޯސް މައްސަލާގައި އދ އަށް ގަރާރެއް ހުށަހެޅި އެވެ. އެ ގަރާރުތަކުގައި ޗާގޮސް އަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ތަނެއްގެ ގޮތުގަައި ކަނޑައެޅުމަށާއި އަދި އެތަނުގައި ވަޒަންވެރިވެގެން ތިބި މީހުން ގަދަބާރުން ބާލައިގެން ގެންގޮސްފައިވާކަން ފާހަގަކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. އެހެންކަމުން އެތަނުގެ އަސްލު ވަޒަންވެރިން އެތަނަށް ގެނެސް ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމަށް އެ ގަރާރުގައި ބަޔާންކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ އދ. ގައި ރާއްޖޭން ވޯޓު ދިނީ އެ ގަރާރާ ދެކޮޅަށް ކަމަށާއި ނަމަވެސް 95 ގައުމުގެ ތާއީދާ އެކީ އެ ވޯޓު ފާސްވެގެން ދިޔަ ކަމަށެވެ. އަދި ގަރާރު ފާސްވި ނަމަވެސް ކޯޓުގައި ހިނގަމުން ދިޔަ މައްސަލަ އަށް ތަދައްހުލްވުމުގެ ފުރުސަތު ދިވެހި ދައުލަތަށް އޭރު ވެސް އޮތް ކަމަށާއި ނަމަވެސް ގަރާރާ ދެކޮޅަށް ވޯޓު ދިނުމަށް ފަހު އޭރުގެ ސަރުކާރު އޮތީ ހަނު ކަމަށް ވިދާޅުވި އެވެ. ޝާހިދު ވިދާޅުވީ ޗާގޮސްގެ މައްޗަށް ސިޔާދަތީ ބާރު ހިންގަން ބޭނުންވާ ކަމަށްވާ ނަމަ ދިވެހި ދައުލަތަށް ލިބުނު އެންމެ ފަހު ފުރުސަތު ކަމަށެވެ.
"މިހާރު އެ ސަރުކާރުގައި ތިއްބެވި ބޭފުޅުން، އެ ސަރުކާރުގެ ރައީސްކަމުގައި ހުންނެވި ރައީސް ޔާމީން އެ ދައްކަވާ ވާހަކަފުޅު އެއީ ހިތުގެ އަޑިން ދައްކާ ވާހަކައެއް ކަމަށްވާ ނަމަ އެ ފުރުސަތު ނަގައެއް ނުލައްވާނެ،" އޭނާ ވިދާޅުވި އެވެ. "އެ ދުވަހު ވަޑައިގަންނަވާނީ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އަށް."
އޭނާ ވިދާޅުވީ ޔާމީނުގެ ސަރުކާރާއި އޭގެ ކުރީގެ ސަރުކާރުތަކުން ވެސް ޗާގޯސް އަކީ ރާއްޖޭގެ ތަނެއް ކަމަށް ގަބޫލުނުކުރާ ކަމަށެވެ. އަދި އެ ތަނަކީ ރާއްޖޭގެ ބައެއް ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއްކަން ސާބިތުވާ ކަމަށް ވެސް ވިދާޅުވި އެވެ.