ރޭ މާލޭގައި ގަރާޖެއްގައި ރޯވެ އެތައް ބަޔަކު މަރުވު ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ ހާލަތު ބައްލަވާލެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަޑައިގެންނެވި އެވެ.
ރައީސާ އެކީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ގެންދަވަނީ އެ ސަރަަހައްދުގައި ހަރަކާތްތެރިވަވަޑައިގަންނަވަމުންނެވެ. ރޭ ދަންވަރު 12:30 އެހާކަށްހާ އިރު ރޯވީ މާފަންނު އިސްކަންދަރު މަގާއި ކޯރުކެނޑި މަގު ގުޅޭ ހިސާބުގައި ހުންނަ މ. ސެންރޯސްގޭގެ އެންމެ ތިރީގައި ހުރި ގަރާޖުގަ އެވެ.
ރައީސް ވިދާޅުވީ ރޭގެ ނުރައްކާތެރި އަލިފާނުގެ ހާދިސާއަކީ ވަރަށް ހިތާމަވެރި ހާދިސާއެއް ކަމަށެވެ.
"އެތައް ބައެއްގެ ފުރާނަ ގެއްލި ގިނަ ޢަދަދެއްގެ ބަޔަކަށް ވަނީ ގެއްލުންތަކެއް ލިބިފަ. މިހާދިސާ ހިނގައި ދިޔަގޮތް މިހާރު ދަނީ ބަލަމުން." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، މާލޭގެ ދިރިއުޅުމުގެ ހާލަތު ގޮތުން މިފަދަ ހާދިސާތަކުގައި ވަރަށް ބޮޑަށް ނުރައްކާވާ ކަމަށެވެ. އަދ ރޭގެ ހާދިސާއަށް ސިފައިން ހަރަކާތްތެރިވާން ފެށިލެއް އައުން އަވަސްކަން ފާހަގަކުރައްވައި ވިދާޅުވީ، އެހެން ނޫން ނަމަ މި ހާދިސާގެ ހުޅުގަނޑު އިތުރަށް ފެތުރުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.
ރައީސް ވިދާޅުވީ ހާދިސާ ހިނގި ސަރަހައްދަށް އެމްއެންޑީއެފުން ތިން މިނެޓު ތެރޭގައި ދިޔަ ކަމަށެވެ.
ރޭ މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއަކީ ވަރަށް ހިތާމަވެރި ހާދިސާއެއް. އެތައް ބައެއްގެ ފުރާނަ ގެއްލި ގިނަ ޢަދަދެއްގެ ބަޔަކަށް ވަނީ ގެއްލުންތަކެއް ލިބިފަ. މިހާދިސާ ހިނގައި ދިޔަގޮތް މިހާރު ދަނީ ބަލަމުން. ނިޔާވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާފޮނުވަން.
— Ibrahim Mohamed Solih (@ibusolih) November 10, 2022
އެމަނިކުފާނު ވިދާޅުވީ ކުރިޔަށް އޮތް ތަނުގައި މިފަދަ ހިތާމަވެރި ހާދިސާތައް މަދުކުރުމަށް އެންމެ މުހިއްމު ކަމެއް ދީގެން ކުރަން ޖެހިފައިވާ މަސައްކަތަކީ އެފަދައިން ހުރި ގަރާޖުތައް އާންމުންނާއި ދުރު ސަރަހައްދުތަކަށް ބަދަލުކުރުމާއި މާލޭގެ ތޮއްޖެހުމަށް ނިމުމެއް ގެނައުން ކަމަށެވެ.
"އެންމެ މުހިއްމު ކަމަކީ މާލޭގައި ތޮއްޖެހިފައި އޮތް އޮތުމަށް ހައްލެއް ހޯދުން." ރައީސް ވިދާޅުވި އެވެ. "އެއާ އެކީގައި ގަރާޖްތަކާއި ވޯކްޝޮޕްތަކާއި އެއްޗެހި މީހުން ދިރިނޫޅޭ ވަކި ސަރަހައްދަކަށް ގެންދަން. އަޅުގަނޑުމެން ގުޅީފަޅާ ތިލަފުށީގައި ގެންދާ މަޝްރޫއުތަކުގެ ތެރޭގައި ހުންނާނެ އެ ކަންތައްތަކަށް ސަރަހައްދުތަކެއް ކަނޑައެޅިފައި. އެއާ އެކީގައި އެކަން ކުރެވޭނެ. ލަސްވެފައި އޮތް ކަމެއް ހަގީގަތުގައި ވެސް."
ރައީސް ވިދާޅުވީ މާލޭގައި މިހާރު އެއްވެސް ކެމިކަލް ގުދަނެއް ހުރެގެން ނުވާނެ ކަމަށެވެ.
"މިހާރަކު މާލޭގައި ހުރެގެން ނުވާނެ އެއްވެސް ކެމިކަލް ގުދަނެއް. އަޅުގަނޑަށް ހަމަ ޔަގީން މިހާރު ނުހުންނާނެކަން،" މީގެ ދެ އަހަރެއްޖާ ދުވަސް ކުރިން ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ އަށް ފަހު ވެސް ފެންނަނީ އެކަށީގެންވާ ފިޔަވަޅު ސަރުކާރުން ނާޅާ ތިބި ތަން ކަން ނޫސްވެރިން ފާހަގަކުރުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ. "ގޭގޭގެ ތިރީގަ އާއި ފިހާރަކުގައި ކުރީގަ [ކެމިކަލް ގުދަން] ހުރި. އެއީ ހެންވޭރުގައި ހިނގި ހާދިސާގެ ކުރިން. ނަަމަވެސް އެެ ހާދިސާއަށް ފަހު އަޅުގަނޑުމެން ވާނީ ވަގުތުން ފިޔަވަޅުތައް އަޅާފައި. މާލެއިން ހުރިހާ ކެމިކަލް ގުދަންތަކެއް ވާނީ ތިލަފުއްޓަށް ބަދަލު ކުރެވިފައި."
މި ހާދިސާގައި މިހާތަނަށް 10 މީހަކު މަރުވެފައިވާ އިރު، އަނިޔާވި އެތައް ބަޔަކަށް އަންނަނީ ފަރުވާ ދެމުންނެވެ. އަދި ގަރާޖު ހުރި ސަރަހައްދުގެ ގެތަކުގެ މީހުން މީހުންނަށް ވަނީ ވަގުތީ ހިޔާ ހަމަޖައްސައި ދީފައިވެ އެވެ.