މި އަހަރު އެންމެ ހިނގި އެއް ފިލްމު ކަމަށްވާ "ދަ ކަޝްމީރު ފައިލްސް" ގެ ޑައިރެކްޓަރު ވިވެކް އަގްނިހޯތުރީ "ދަ ވެކްސިން ވޯ" ގެ ނަމުގައި ފިލްމެއް އިއުލާންކޮށްފި އެވެ.
އޭގެ ފަސްޓްލުކް ޕޯސްޓަރު ވެސް މިއަދު ދައްކާލައި ބުނެފައި ވަނީ ފިލްމު ބެލުންތެރިންނަށް ގެނެސްދޭނީ އިންޑިއާގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރާ އޮގަސްޓް 15 އާ ދިމާކޮށް އަންނަ އަހަރުގެ އެ ތާރީހުގައި ކަމަށެވެ. އެ ތާރީހަކީ އަންނަ އަހަރު ރަންބީރް ކަޕޫރްގެ "އެނިމަލް" ވެސް ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތް ތާރީހެވެ.
ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހަދާ "ދަ ވެކްސިން ވޯ" ގެ ޓެގް ލައިނަކީ "އަ ވޯ ޔޫ ޑިޑިންޓް ނޯ ޔޫ ފޯޓް. އެންޑް ވޮން" އެވެ. ނަމަވެސް ފިލްމާ ބެހޭ މާ ބޮޑު އިތުރު ތަފުސީލެއް އަދިއެއް ނެތެވެ.
ޕޯސްޓަރުގައިވާ ގޮތުން "ދަ ވެކްސިން ވޯ" 11 ބަހަކުން ސިނަމާތަކަށް ގެންނާނެ އެވެ.