Last Updated: June 10, 14:00
Wednesday, June 10, 2026
ޚަބަރު

ރައީސްގެ ބަހާއި އަމަލާ ދިމަލެއް ނުވޭ: އާޒިމް

މެންބަރު އަލީ އާޒިމް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ބަހާ އަމަލާ ދިމާނުވާކަމަށް ވިދާޅުވެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

2023 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރުމަށް ލިބުނުު ފުރުސަތުގައި ވާހަކަ ދައްކަވަމުން މެމްބަރު އާޒިމް ވިދާޅުވީ، ސަރުކާރަކުން ވިޔަފާރި ނުކުރުމަކީ އެމްޑީޕީގެ އެއް ސިޔާސަތު ކަމަށާއި، އެހެންނަމަވެސް މި ފަސް އަހަރު އެކަން ހިނގަމުން ދަނީ ދިމާ އިދިކޮޅަށް ކަމަށެވެ.

މިކަމުގެ ސަބަބުން އާންމު ވިޔަފާރިތަކަށް ހުރަސް އެޅި އަލަށް ވިޔަފާރިތައް ފެށުމުގެ މަގު ވެސް ބަންދު ވެފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

ބަޖެޓަށް ބަހުސް ކުރަމުން އާޒިމް ވަނީ މީގެކުރިން މަޖިލީހުގައި މެމްބަރެއްގެގޮތުގައި ހުންނެވިއިރު ރައީސް ސޯލިހް ބަޖެޓާ ގުޅޭގޮތުން ދެއްކެވި ބައެއް ވާހަކަތައް ތަކުރާރު ކުރައްވާފައެވެ. އެގޮތުން ސަރުކާރުން ވިޔަފާރި ކުރުމާއި ދެކޮޅަށް ދެއްކެވި ވާހަކަތައް ތަކުރާރު ކުރެއްވިއެވެ. އަދި ބަޖެޓުން ބޭރުން ކުރާ ހޭދަތަކާއި ދެކޮޅަށް ރައީސް ސޯލިހް ދެއްކެވި ވާހަކަތައްވެސް ތަކުރާރު ކުރައްވާފައިވެއެވެ. އެހެންނަމަވެސް މިހާރު ރައީސް ސޯލިހް ކަންކުރައްވަނީ އޭރު ވާހަކަދެއްކެވި ގޮތާ ދެކޮޅަށް ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ރައީސް ސޯލިހްގެ ބަހާ އަމަލާ ދިމާނުވާ ކަމަށާއި، ދައްކާ ވާހަކަ ދެކޮޅެއް ނުޖެހޭ ކަމަށެވެ.

"ބަހާ އަމަލާ ދިމައެއް ނުވޭ. ދައްކާ ވާހަކަ ދެކޮޅެއް ނުޖެހޭ. ބުނާ އެއްޗެއް ހަނދާނެއް ނުހުރޭ. އަމިއްލަ ދުލުން ނިކުންނަ ބަހެއްގެ އިތުބާރެއް ނެތް. ދެން އަޅުގަނޑުމެން ކިހިނެއްތޯ ދެ ވަނަ ދައުރެއް ދޭނީ؟" އާޒިމް ވިދާޅުވިއެވެ.