އައްޑޫ ޓޫރިޒަމް ޑެސްޓިނޭޝަނެއްގެ ގޮތުގައިި ޕްރޮމޯޓްކޮށް، މާކެޓްކުރަން ފަށާއިވާ މަސައްކަތްތަކަށް އެހީވުމުގެ ގޮތުން އިންވެސްޓް މޯލްޑިވްސްގެ ފަރާތުން ކައުންސިލަށް އެއް މިލިއަން ރުފިޔާ ދެއްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މިއަދު ވިދާޅުވެއްޖެ އެވެ.
ކައުންސިލުން އިންތިޒާމުކޮށްގެން މިއަދު ފެށި ޓޫރިޒަމް ފޯރަމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އައްޑޫ ޕްރޮމޯޓްކޮށް، މާކެޓްކުރުމަކީ ސީދާ އައްޑޫ ކައުންސިލާއި އައްޑޫ މީހުން ކުރަން ޖެހޭ ކަމެއް ކަމަށާއި އެކަމުގެ ޕެޝަން އޮންނަން ވާނެ ކަމަށެވެ. އަދި އެކަމަށް ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީގެ އެހީތެރިކަމާއި އެއްބާރުލުން ވެސް ހޯދައިގެން އެކަން ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ. އެގޮތުން އެއާޕޯޓް ތަރައްގީކޮށް، އިތުރު ކޮންސެޝަންތަކެއް ދިނަސް، އައްޑޫ ޕްްރޮމޯޓްކޮށް މާކެޓްކުރަން ކުރަން ޖެހޭ މަސައްކަތް ނުކޮށް ނުކުންނާނެ ނަތީޖާއެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

"އެހެންވީމަ އެންމެ ލާއިގުވެގެން ވަނީ ތި ބޭފުޅުންގެ ޕެޝަނާ އެކީ މިކަން ކުރުން." މިނިސްޓަރު ވިދާޅުވި އެވެ. "އެކަމާ ވަރަށް އުފާކޮށްފިން ތި ބޭފުޅުން އެ މަސައްކަތް ފެއްޓެވި ވާހަކަ ވިދާޅުވީމަ.
ފައްޔާޒް ވިދާޅުވީ ކައުންސިލުން ޓޫރިޒަމް ޕްރޮމޯޓްކުރަން ނިންމައި، އެ މަސައްކަތަށް މިލިއަން ރުފިޔާ ހަރަދުކުރަން ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށެވެ.
"ތި ބޭފުޅުން އެބައޮތް ބަޖެޓްގައި އެއް މިލިއަން ރުފިޔާ މިކަމަށް ހަރަދު ކުރައްވާނެ ކަމަށް ހިމަނުއްވާފައި. ވަރަށް ރަނގަޅު ކަމެއް. [އަދި] އަޅުގަނޑު ދޭނަން އިންވެސްޓް މޯލްޑިވްސް އިން އިތުރު އެއް މިލިއަން." މިނިސްޓަރު ވިދާޅުވި އެވެ. "އައްޑޫގެ ޓޫރިޒަމް ކާމިޔާބު ކުރެވޭނެ. [އެކަމަކު] ކުރެވޭނީ މިއަދު ސަރުކާރުގެ އަތުގައި ހިފައިގެން މިކަން ކުރީމަ. އަޅުގަނޑުމެން އެކަން ކުރާނަން."