Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ހަންކެޑެ ތަރައްގީކުރުން އަންނަ އަހަރު

އައްޑޫގައި ޓޫރިޒަމް ކުރިއަރުވަން ކުރާ މަސައްކަތުގެ ތެރެއިން ހަންކެޑެ ތަރައްގީކުރުމުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

އައްޑޫގައި މިއަދު ފެށި ޓޫރިޒަމް ފޯރަމްގައި މިނިސްޓަރު ވިދާޅުވީ ހަންކެޑެ ތަރައްގީކުރާނީ ސަރުކާރު ސަތޭކަ ޕަސެންޓް ހިއްސާވާ މޯލްޑިވްސް ފަންޑް މެނޭޖްމަންޓްގެ ދަށުންނެވެ. ފައްޔާޒު ވިދާޅުވި ގޮތުގައި އެތަނުގެ ކުރެހުން ވެސް މިހާރު ނިމެނީ އެވެ.

"އެ ބޭފުޅުން ފިނޭންސް މިނިސްޓަރުގެ ވެސް އެހީތެރިކަމާ އެއްކޮށް ސޮވެރިން ގެރެންޓީއާ އެއްކޮށް އިދާރަފުޅު ކުރެއްވިއްޔާ އެތަނުގެ ކުރެހުންތައް ކުރަހައި އެ ނިމެނީ. އެކަމުގެ ފަންޑިން އޮތީ ހަމަޖެހިފައި،" މިނިސްޓަރު ވިދާޅުވި އެވެެ. "އުންމީދުކުރަނީ މި އަންނަ އަހަރުގެ ފަސްޓް ކުއާޓާ ހިސާބުގައި އެތަނުގެ އަމަލީ މަސައްކަތް ފެށިގެން ދިއުން."

ފައްޔާޒް ވިދާޅުވި ގޮތުގައި ހަންކެޑެ ތަރައްގީކުރާނީ ރިސޯޓް އޮޕަރޭޓްކުރާ އުސޫލާ ހިލާފަށް އެތަނުގެ ހުރިހާ ވަސީލަތްތަކެއް ގާއިމުކުރުމަށް ފަހު، އާންމުންނަށް ދޫކޮށްގެން އައުޓްސޯސް އުސޫލުންނެވެ. އެގޮތުން ހަންކެޑެއިގައި ހޮޓާތަކާއި ގެސްޓްހައުސްތަކާއި ކެފޭ/ރެސްޓޯރަންޓްތަކާއި ޑައިވް ސްކޫލްތަކާއި ވޯޓަ ސްޕޯޓްސް ސެންޓަރުތަކާއި ސްޕާ އާއި ޝޮޕިން ފަދަ ވަސީލަތްތައް މޯލްޑިވްސް ފަންޑް މެނޭޖްމަންޓުން ގާއިމުކުރާނީ ޑިވެލޮޕަރެއްގެ ހައިސިއްޔަތުންނެވެ.

"އެ ތަންތަން ޑިވެލޮޕްކޮށްފައި އޮޕަރޭޓްކުރަން ދޫކޮށްލާނީ އާންމުން ވިޔަފާރިތަކަށް،" މިނިސްޓަރު ވިދާޅުވި އެވެ. "ހާއްސަކޮށް ކުދި މެދު ފަންތީގެ ވިޔަފާރިތަކަށް. އަދި އަންހެން ބޭފުޅުންގެ ވިޔަފާރިތަކަށް."

އައްޑޫ މަރަދުއާ ލިންކް ރޯޑުން ގުޅިފައި އޮންނަ ހަންކެޑެ އަކީ ރިއަލް ސްޓޭޓް ޓޫރިޒަމަށް ސަރުކާރުން މިހާރު ހަމަޖައްސާފައިވާ ތަނެކެވެ. އެގޮތަށް ނިންމީ މިދިޔަ އަހަރުގެ ޑިސެމްބަރު 2 ގަ އެވެ.

ހަންކެޑެ ތަރައްގީކުރުމަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގެ ދުވަސްވަރުން ފެށިގެން ދެކެވެމުން އަޔަސް މިހާތަނަށް ހަގީގަތަކަށް ނުވެ އޮތް ކަމެކެވެ. އޭރު ވާހަކަ ދެކެވުނީ ހަންކެޑައިގައި 120 ކޮޓަރީގެ ސިޓީ ހޮޓަލެއް ހެދުމަށެވެ. އެގޮތުން އެކި ފަހަރު މަތިން ބައެއް ކުންފުނިތަކާ އެތަން ހަވާލު ވެސް ކުރި އެވެ.

މިހާރު ހަންކެޑެ ތަރައްގީކުރަން ރާވާފައި އޮތް ޕްލޭނުގެ ދަށުން ހަންކެޑެ ލިންކް ރޯޑުން ވަކިކޮށް، އެ ރަށާ ދެ ފަރާތުން ގުޅިފައި އޮތް މަރަދު އާއި ގައުކެނޑި، ހަންކެޑާ ވަކިކޮށް ހަތަރު ލޭނަކަށް ވާ ގޮތަށް މަގު ފުޅާކުރުމުގެ މަސައްކަތް އަންނަނީ ކިރަމުންނެވެ. އެ މަސައްކަތް ކުރަނީ އިންޑިއާގެ އެފްކޮންސް އިންނެވެ.