ބޮލީވުޑްގެ އެކްޓަރު އަރުޖުން ކަޕޫރްގެ ލޯބިވެރިޔާ މަލައިކާ އަރޯރާގެ ރިއަލިޓީ ޝޯއެއް އަންނަ މަހު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރަން ނިންމައިފި އެވެ.
އަންނަ މަހުގެ 5 ގައި ޕްރީމިއާކުރަން ނިންމާފައިވާ ޝޯގެ ނަމަކީ "މޫވިން އިތު ވިތު މަލައިކާ" އެވެ. މީގެ ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކޮށް މަލައިކާ ބުނީ މި ޝޯގައި އޭނަގެ ހަޔާތާ ބެހޭ ވަރަށް ގިނަ ކަންކަން ވަރަށް ގާތުން އަދި ޒާތީ ވަރަށް ގިނަ ކަންކަން ވެސް ފެނިގެން ދާނެ ކަމަށެވެ.
މަލައިކާގެ ވެބް ޝޯއެއް ގެނެސްދޭން ނިންމިކަން އިއުލާންކޮށްފައި މި ވަނީ އޭނަ އާއި ކޮއްކޮ އަދި ކުރީގެ ބަތަލާ އަމްރިތާ އަރޯރާގެ ލައިސްޓައިލް ދައްކުވައިދޭ ޝޯއެއް "އަރޯރާ ސިސްޓާސް" ގެ ނަމުގައި ގެނެސްދޭން އުޅޭ ކަމަށް ދާދި ފަހުން ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނިކޮށެވެ.
މިހާރު އުމުރުން 49 އަހަރުގެ މަލައިކާ އަކީ ސަލްމާން ޚާންގެ ކޮއްކޮ އަރުބާޒް ޚާންގެ ކުރީގެ އަންހެނުންނެވެ. އެ ދެ މީހުންގެ ކައިވެނި 2017 ގައި ރޫޅައިލި އިރު. ލިބިފައިވާ ދަރިފުޅަކީ މިހާރު އުމުރުން 19 އަހަރުގެ އަރްހާން ޚާނެވެ.
މަލައިކާ އަކީ ސުޕަ މޮޑެލްއެއްގެ ގޮތުގައި މަޝްހޫރުކަން ހޯދި މީހެކެވެ. އޭގެ ފަހުން އޭނާ ބޮލީވުޑްގެ ވަރަށް ގިނަ ފިލްމުތަކަށް މަޝްހޫރު އައިޓަމް ލަވަތަކެއް ކުޅުނެވެ. އޭގެ ތެރޭގައި ފިލްމު "ދިލް ސޭ" ގެ "ޗައްޔާ ޗައްޔާ" އާއި "ދަބަންގް" ގެ "މުންނީ ބަދުނާމު ހުއީ" އާއި "ކާންޓޭ" ގެ "މާހީ ވޭ" އަދި "ހައުސްފުލް" ގެ "އަނާރުކަލީ ޑިސްކޯ ޗަލީ" ހިމެނެ އެވެ.
މަލައިކާ މިހާރު އާންމުކޮށް ފެންނަނީ ތަފާތު ކަހަލަ ޓީވީތަކުގެ ޖަޖެއްގެ ގޮތުގަ އެވެ.