ގަތަރުގައި ފަށާ ވޯލްޑް ކަޕަށް ނެގި ޖަރުމަނުގެ ސްކޮޑުން މާރިއޯ ގޮޓްޒާ އަށް ފުރުސަތު ދީފި އެވެ.
މިއީ ފަސް އަހަރަށް ފަހު ޖަރުމަނު ސްކޮޑަށް ގޮޓްޒާ ނެގި ފުރަތަމަ ފަހަރެވެ. ގޮޓްޒާ އަކީ ޖަރުމަނަށް 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކޮށްދިން ލަނޑު ކާމިޔާބުކޮށްދިން ކުޅުންތެރިޔާ އެވެ.
ގޮޓްޒާ ،30، އެންމެފަހުން ޖަރުމަނުގެ ގައުމީ ޓީމަށް މެޗެއް ކުޅެދިނީ 2017 ވަނަ އަހަރު އެވެ. އެއީ ޖަރުމަނާއި ފްރާންސް ބައްދަލުކުރި އެކުވެރިކަމުގެ މެޗެކެވެ.
ޖަރުމަނުގެ ސްކޮޑުން މިފަހަރު ބާކީވި އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިޔަކީ ފާއިތުވި ދެ ވޯލްޑް ކަޕްގައި ވެސް ކުޅުނު ޑިފެންޑަރު، މެޓްސް ހުމެލްސް އެވެ. އަދި އަނިޔާގެ ސަބަބުން ހުމެލްސް އާއެކު ބްރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ މާކޯ ރޮއިސް އަށް ވެސް ސްކޮޑުން ޖާގަ ލިބިފައެއް ނުވެ އެވެ.
މިފަހަރުގައި ސްކޮޑަށް ނެގި އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިއަކީ ޑޯޓްމަންޑަށް ކުޅެމުން އަންނަ އުމުރުން 17 އަހަރުގެ ފޯވާޑް އޫސޮފާ މޫކޮކޯ އެވެ. އޭނާ ވަނީ މި ސީޒަނުގެ ޖަރުމަނު ލީގުގައި މިހާތަނަށް ކުޅުނު 13 މެޗުގައި ހަ ގޯލް ކާމިޔާބުކޮށްފަ އެވެ.
ވޯލްޑް ކަޕްގައި ޖަރުމަނު މިފަހަރު ލައްވާލާފައިވަނީ ޖަޕާން، ކޮސްޓަރީކާ އަދި ސްޕެއިންއާއެކު ގްރޫޕް އީ ގަ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި މި މަހުގެ 23 ވަނަ ދުވަހު ޖަރުމަނު ބައްދަލުކުރާނީ ޖަޕާނާ އެވެ.
ވޯލްޑް ކަޕަށް ނެގި ޖަރުމަނު ސްކޮޑް:
ގޯލްކީޕަރުން: މެނުއަލް ނޯޔާ، މާކް އަންދްރޭ ޓާ ސްޓޭގަން، ކެވިން ޓްރަޕް
ޑިފެންޑަރުން: އާމެލް ބެލާ ކޮޗަޕް، މަތިއަސް ގިންޓާ، ކްރިސްޓިއަން ގުންޓާ، ތިލޯ ކެރާ، ލޫކަސް ކްލޮސްޓާމަން، ޑޭވިޑް ރައުމް، އެންޓޯނިއޯ ރުޑިގާ، ނިކޯ ޝްލޮޓަބެކް، ނިކްލަސް ސޫލާ
މިޑްފީލްޑަރުން: ޖޫލިއަން ބްރަންޑްޓް، ލިއޯން ގޮރެޓްޒްކާ، އިލްކާއި ގުންޑޮގާން، ޖޯނަސް ހޮފްމަން، ޔޯޝުއާ ކިމިޗް، ޖަމާލް މުސިއާލާ
ފޯވާޑުން: ކަރީމް އަޑެޔާމީ، ނިކްލަސް ފުލްކްރުގް، ސާޖް ގްނެބްރީ، މާރިއޯ ގޮޓްޒާ، ކައި ހަވެޓްޒް، ޔޫސޮފާ މޫކޮކޯ، ތޯމަސް މުލާ، ލީރޯއި ސާނޭ