Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ޓޫރިޒަމް ބިންތައް ތަރައްގީކުރަން ލޯނު ދޭންޖެހޭ: ޓޮމް

އައްޑޫގައި ޓޫރިޒަމަށް ދޫކޮށްފައި ހުރި ބިންތައް ތަރައްގީ ކުރެވޭނީ ލޯނު ފެސިލިޓީއެއް ހަމަޖައްސައިގެން ކަމަށް މަރަދޫ ދާއިރާގެ ކުރީގެ ކައުންސިލަރު އަބްދުﷲ ތޮއްޔިބް (ޓޮމް) ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން މިއަދު ގަމުގެ އީކްއޭޓާ ވިލެޖްގެ ބްލޫ ލެގޫންގައި ފެށި ޓޫރިޒަމް ފޯރަމްގައި ޓޮމް ވިދާޅުވީ އައްޑޫގައި ފައިސާ ފޮއްޗެއް ހުރި އެކަކު ވެސް ނެތް ކަމަށާއި ފައިސާ ހުރި އަދި ތައުލީމެއް ހުރި މީހެއް ކަމަށްވާނަމަ އެމީހާގެ ދިރިއުޅުން އޮތީ މާލޭގައި ކަމަށެވެ.

އައްޑޫގެ ޓޫރިޒަމަށް 90 ޕްލޮޓް އިއުލާން ކުރި ނަމަވެސް އެތަނަށް ބައެއްގެ ޝައުގުވެރިކަމެއް ނެތް ކަމަށާއި އެކަން އެގޮތަށް ދިމާވަނީ މިވަގުތު އައްޑޫގެ ހާލަތު އޮތް ގޮތުން ކަމަށް ޓޮމް ވިދާޅުވި އެވެ.

ޓޮމް ވިދާޅުވީ ޓޫރިޒަމަށް މިހާރު ދޫކޮށްފައިވާ ބިންތައް ލިބިފައިވާ ފަރާތްތަކަށް އެކަން ނުވާނެ ކަމަށާއި އެ ފަރާތްތަކުގެ އަތުގައިވެސް ފައިސާއެއް ނެތް ކަމަށެވެ. މިކަމަށް ސަރުކާރުން ބޮޑު ސަމާލުކަމެއް ދޭންޖެހޭ ކަމަށާއި އެގޮތުން ލޯނު ފެސިލިޓީތައް ދީގެން ނޫނީ އެކަން ނުވާނެ ކަމަށްވެސް ޓޮމް ވިދާޅުވި އެވެ.

"އަޅުގަނޑަށް ފެންނަނީ ލޯނު ފެސިލިޓީތައް ދީގެން މި ގެސްޓްހައުސްތައް ތަރައްގީ ކުރުމުން ދެން މި އިންނަ އެއްކަލަ ތިން ކޮޓަރީގެ ގެސްޓްހައުސް އާއި ހަތަރު ކޮޓަރީގެ ގެސްޓްހައުސް ތަރައްގީ ވާނީ." ޓޮމް ވިދާޅުވި އެވެ.

އައްޑޫގައި ގާބިލު މީހުންނާއި ރަނގަޅު ފެންވަރުގެ ރެސްޓޯރެންޓާއި، ޑައިވިން އިންސްޓްރަކްޓަރުން އެބަތިބި ކަމަށާއި ނަމަވެސް މި ތަންތަން ދިރޭނީ ކޮންމެވެސް އެހެން ކަމަކަށް ފުރަތަމަ ދިރުމެއް އައިސްގެން ކަމަށް ޓޮމް ވިދާޅުވި އެވެ. އެއީ ބިޔަ ބޮޑެތި އިންވެސްޓްމެންޓްތަކާއި ނުވަތަ މިހާރު ދީފައި ހުރި ބިންތަކުގައި ރަނގަޅު ފެންވަރަށް ގެސްޓްހައުސްތައް ހެދިގެން އެ ގެސްޓްހައުސްތައް މާކެޓް ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން މިހާރު ޓޫރިޒަމަށް ދޫކޮށްފައި ހުރި ބިންތައް ތަރައްގީ ކުރަން ސަރުކާރުން ލޯނު ފެސިލިޓީތައް ދޭންޖެހޭ ކަމަށާއި މިކަމުގެ ނަފާ ލިބޭނީ އަންނަން އޮތް ޖީލަށް ކަމަށްވެސް ޓޮމް ވިދާޅުވި އެވެ.