ކުރިއަށް އޮތް ވޯލްޑް ކަޕްގައި ވާދަކުރާ އިންގްލޭންޑްގެ ގައުމީ ޓީމުގެ ސްކޮޑް އިއުލާންކޮށްފި އެވެ.
ވޯލްޑް ކަޕަށް އިންގްލޭންޑުން ނެގި 26 ކުޅުންތެރިންގެ ސްކޮޑުގައި އަނިޔާގެ ސަބަބުން މިވަގުތު ކުޅުމާ ދުރުގައި ހުރި މެންޗެސްޓާ ސިޓީގެ ފުލްބެކް ކައިލް ވޯކާ އާއި ދެ މަހަށްފަހު ކުޅުމުގެ ތެރެއަށް އައިސްފައިވާ މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ކެލްވިން ފިލިޕްސް އަދި މި ސީޒަނުގައި ކުޅުމުގެ މާގިނަ ފުރުސަތުތަކެއް ލިބިފައި ނުވާ މެންޗެސްޓާ ޔުނައިޓެޑްގެ ޑިފެންޑަރު ހެރީ މެގުއާ އަށް ފުރުސަތު ދީފައިވެ އެވެ.
އަދި މި ސީޒަނުގައި އާސެނަލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޑިފެންޑަރު، ބެން ވައިޓް އާއި މި ސީޒަނުގައި ލެސްޓާ ސިޓީގައި ތަފާތު ދައްކަމުން އަންނަ ޖޭމްސް މެޑިސަން އަދި ނިއުކާސަލްގެ ފޯވާޑް ހެރީ ވިލްސަން ވެސް ވަނީ ސްކޮޑުގައި ހިމަނާފަ އެވެ.
ސްކޮޑުން ޖާގަ ގެއްލުނު ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި އޭސީ މިލާނަށް ކުޅެމުން އަންނަ ޒުވާން ޑިފެންޑަރު ފިކާޔޯ ޓޮމޯރީ އާއި ބްރެންޓްފޯޑްގެ ފޯވާޑް އައިވަން ޓޯނީ އަދި ވެސްޓްހަމް ޔުނައިޓެޑްގެ ފޯވާޑް ޖެރަޑް ބޮވެން ހިމެނެ އެވެ.
ވޯލްޑް ކަޕްގައި އިންގްލޭންޑް ލައްވާލާފައިވަނީ އެމެރިކާ، އިރާން އަދި ވޭލްސްއާ އެކު ގްރޫޕް ބީ ގަ އެވެ. ގްރޫޕްގެ ފުރަތަމަ މެޗުގައި މި މަހުގެ 21 ވަނަ ދުވަހު އިންގްލޭންޑް ނިކުންނާނީ އިރާންއާ ދެކޮޅަށެވެ.
ވޯލްޑް ކަޕަށް އިންގްލޭންޑުން ނެގި 26 ކުޅުންތެރިން:
ގޯލްކީޕަރުން: ޖޯޑަން ޕިކްފޯޑް، ނިކް ޕޯޕް، އާރޮން ރަމްސްޑޭލް
ޑިފެންޑަރުން: ހެރީ މެގުއާ، ލޫކް ޝޯ، އެރިކް ޑަޔާ، ޖޯން ސްޓޯންސް، ކައިލް ވޯކާ، ކިއެރަން ޓްރިޕިއާ، ކޯނާ ކޯޑީ، ބެން ވައިޓް، ޓްރެން އެލެގްޒެންޑާ އާނޯލްޑް
މިޑްފީލްޑަރުން: ޖޯޑަން ހެންޑަސަން، ޖޫޑް ބެލިންގްހަމް، ޑެކްލަން ރައިސް، ކެލްވިން ޕިލިޕްސް، ކޯނާ ގަލެގާ، މޭސަން މައުންޓް
ފޯވާޑުން: ހެރީ ކޭން، ފިލް ފޮޑެން، ޖޭމްސް މެޑިސަން، ޖެކް ގްރީލިޝް، ބުކާޔޯ ސަކާ، ރަހީމް ސްޓާލިން، މާކަސް ރަޝްފޯޑް