Last Updated: June 9, 10:56
Tuesday, June 9, 2026
ޚަބަރު

ފެންވަރު ދައްކާލައި މެދުވަލު ސެމީ އަށް

އައްޑޫ ފުޓޫބޯ:ަ ޗެމްޕިއަންޝިޕް 2022 ގެ 12 ވަނަ މެޗުގެ ތެރެއިން / ފޮޓޯ: އައްޑޫލައިވް، އަލީ ނާސިރު

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް މެދުވަލު އެފްސީ ދަތުރުކޮށްފިއެވެ.

މިމުބާރާތުގައި މިއަދު މެދުވަލު އެފްސީ އަދި ފޭދޫ ޒުވާން ޓީމު ފާހި ސްޕޯޓްސް އާއި ބައްދަލު ކުރިއިރު، މިމެޗުން މެދުވަލު އެފްސީ ކުރި ހޯދީ 2-7 ގެ ނަތީޖާއިންނެވެ.

މިއާއެކު މެދުވަލު ގްރޫޕް ބީ ނިންމާލީ ކުޅުނު 3 މެޗުން މޮޅުވެ 9 ޕޮއިންޓާއެކުއެވެ. މި ގްރޫޕުން ސެމީ ފައިނަލަށް ދެން ދިޔައީ ކުޅުނު 3 މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ މަރަދޫ އެފްސީއެވެ.

މިއަދު ހަވީރު މެދުވަލު އެފްސީ ނުވަތަ މައިލޯ ޓީމާއި ފޭދޫގެ ޒުވާން ޓީމު ފާހި ސްޕޯޓްސް ކުޅުނު މެޗުގައި ގިނަ ގޯލުތަކެއް ފުރަތަމަ ހާފުގައި ފެނިގެން ދިޔައެވެ. މިމެޗުގައި ރާއްޖޭގެ މަޝްހޫރު ފޯވާޑު އަލީ އަޝްފާގް ކުޅެފައިވާއިރު، މެޗުގެ ފުރަތަމަ ލަނޑު ޖެހީ 5 ވަނަ މިނެޓުގައި ފާހި ސްޕޯޓްސްގެ ކެޕްޓަން ހުސެއިން ޝާމިން، ޝާނާއެވެ. ޝާނާގެ މި ލަނޑާއެކު، މުބާރާތުގެ އެންމެ ވަރުގަދަ އެއް ޓީމުގެ ގޮތުގައި ވާދަ ކުރަމުން އައި މައިލޯ ޓީމަށް ޝޮކެއް ލިބުނު ނަމަވެސް، އެ ޓީމުން ހަމަޖެހިލައިގެން އޭގެ ދެ މިނެޓުން ފަހުން 7 ވަނަ މިނެޓުގައި އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހިއެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ، ހަސަން ނަޒީމް، ޗޯޓުއެވެ. އޭގެ ފަހުން 11 ވަނަ މިނެޓުގައި އޭނާ އިތުރު ލަނޑެއް ޖަހައި މައިލޯ ޓީމަށް ކުރި ހޯދައި ދިނެވެ.

މެޗުގައި ފުރަތަމަ ހާފުގައި އިތުރު ތަޖުރިބާކާރު ކުޅުންތެރިންނާއި އެކު ކުޅެން އެރި މައިލޯ ޓީމުގެ އިތުރު ލަނޑުތަކެއް ފެނިގެން ދިޔައެވެ. އެގޮތުން އަލީ ނާފިއު، ކަޅޭގެ ޖެހި ލަނޑާއި، އަޝްފާގު އެސިސްޓަކާއެކު ޝްމްވީލް ޤާސިމް، ބޮންޑާ 33 ވަނަ މިނެޓުގައި ޖެހި ލަނޑު ފާހަގަކޮށްލެވެއެވެ. ހާފު ނިންމާލުމުގެ ކުރިން މައިލޯ ޓީމުގެ އިބްރާޙިމް ސިރާޖު ވަނީ 47 ވަނަ މިނެޓުގައި އިތުރު ލަނޑެއް ޖަހައި ދީ 1-5 ގެ ނަތީޖާއިން އެ ޓީމަށް ކުރި ހޯދައި ދީފައެވެ.

މިމެޗުގެ ދެވަނަ ހާފުވެސް ފަށައި ފާހި ސްޕޯޓްސްއިން ވަނީ ގިނަ އިރުތަކެއް ނުވެ ލަނޑެއް ޖަހާފައެވެ. އެގޮތުން 49 ވަނަ މިނެޓުގައި އެ ޓީމުގެ މުހައްމަދު އާއިޝް ސަރީރު ޖެހި ލަނޑު ފާހަގަކޮށްލެވެއެވެ. މި ހާފުގައި ދަނގަޑޭގެ ލަނޑެއް 78 ވަނަ މިނެޓުގައި މައިލޯ ޓީމުގެ ފަރާތުން ފެނިގެން ދިޔައެވެ. އަދި މެޗު ނިންމަން ހިފާފައިވަނިކޮށް އެ ޓީމުގެ އަލީ ނަދީމް، ނަދަމާގެ ވަނީ ޓީމަށް 7 ވަނަ ލަނޑު ޖަހައި ދީފައެވެ. މިއާއެކު މެޗު ނިންމާލީ 2-7 އިން މައިލޯ ޓީމު މޮޅުވެގެންނެވެ.

މި މުބާރާތުގައި ދެން ކުޅޭނީ ސެމީ ފައިނަލް މެޗުތަކެވެ. އެގޮތުން މިމަހުގެ 12 ވާ ހޮނިހިރު ދުވަހު ސެމީ ފައިނަލުގެ ފުރަތަމަ މެޗު ކުޅޭއިރު، އެ މެޗުގައި ބައްދަލު ކުރާނީ، ބޭރުމަތި ޓީމާއި މަރަދޫ އެފްސީ ޓީމެވެ. އަދި ސެމީ ފަައިނަލުގެ ދެވަނަ މެޗުގައި 13 ވަނަ ދުވަހު ބައްދަލު ކުރާނީ މައިލޯ ޓީމާއި ފޭދޫ ސްޕޯޓްސް ޓީމެވެ. މިހުރިހާ މެޗެއްވެސް ފަށާނީ އެދުވަހު ހަވީރު 4:00 ގައި އައްޑޫ ފުޓުބޯޅަ ސްޓޭޑިއަމުގައެވެ.

އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕް 2022 ގެ މެއިން ސްޕޮންސަރަކީ ހެޕީ މާކެޓެވެ.