Last Updated: July 28, 13:29
Tuesday, July 28, 2026
ޚަބަރު

ޖަލު އަނިޔާ އަށް ރީކޯ ފިލްމެއް ހަދަނީ

މޫސާ މަނިކު ޕީޕީއެމް ޖަލްސާއެއްގައި: ފޮޓޯ - މިހާރު

ޖަލުތަކުގައި ލިބުނު އަނިޔާ އަށް ފިލްމެއް ހެދޭތޯ ބަލަމުންދާ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކް ވިދާޅުވެއްޖެ އެވެ.

މޫސަ މިހެން ވިދާޅުވީ 1988 ވަނަ އަހަރުގެ ނޮވެންބަރު ތިނެއްގެ އުދުވާނީ ހަމަލައާ ގުޅޭ ރަނގަޅު މައުޟޫޢީ ދިރާސާއެއް ހަދައި ކިޔަވާ ކުދިންގެ މުޤައްރަރުތަކުގައި ހިމެނުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގޮވާލުމާ ގުޅިގެން އެއަށް ރައްދު ދެއްވާ ކުރެއްވި ޓްވީޓެއްގަ އެވެ.

މޫސަ ވިދާޅުވީ ޖަލުތަކުގައި މީހުނަށް ކުރެއްވި އަނިޔާގެ ވަރަށް ތަފްސީލް ޙަޤީޤީ ޙާދިސާއެއް މިހާރު ލިޔަމުންދާ ކަމަށެވެ. އަދި އެ ވާހަކަ ވެސް ކިޔަވާ ކުދިންގެ މުޤައްރަރުތަކުގައި ހިމެނުމަށް މޫސަ ވަނީ ގޮވާލާފަ އެވެ.

"ދޫނިދޫ ޖަލާ، ގިރިފުށީ ޖަލާ، ގާމާދޫ ޖަލުގައި އަޅުގަނޑަށް ލިބުނު އަނިޔާ އަށް ފިލްމެއް ވެސް ހެދޭތޯ މި ބަލަނީ. އެ މާޒީ ފޮހެލައިގެން ނުވާނެ ނޫންތޯ؟" މޫސަ ވިދާޅުވި އެވެ.

ކުރީގެ ރައީސް މައުމޫނަށް އަބަދުވެސް މޫސަ ފާޑު ވިދާޅުވަމުންދާއިރު ކުށެއް ނުކުރާ މީހަކު އެމަނިކުފާނުގެ ވެރިކަމުގައި ޖަލަށްލާފައި ނުވާނެ ކަމަށް މައުމޫން ދާދިފަހުން ވަނީ ވިދާޅުވެފަ އެވެ.

މައުމޫން ވިދާޅުވީ ގާނޫނުގައި ބުނާ ގޮތުގެ މަތީން މީހަކު ޝަރީއަތަށް ހުށަހަޅައިގެން، ކުށް ސާބިތުވެގެން ޖަލަށްލާން ނުވަތަ އަރުވާލަން ހުކުމް ކުރުމުން ޖަލަށްލުމަކީ އަނިޔާއެއް ނޫން ކަމަށާއި އެއީ އަދުލު އިންސާފު ކަމަށެވެ.

"މީހުން ކިޔާނީ މީހަކު ޖަލަށްލައިފިއްޔާ އަނިޔާއޭ. އެއަށް ވުރެ ބޮޑަށް ހޭލުންތެރިވާންޖެހޭނެ. ކުށެއް ނުކުރާ މީހަކު ޖަލަށްލައިފިއްޔާ އެއީ އަނިޔާއެއް. އެކަމަކު ބައްލަވާ ވަކި ކޭސްތައް ވަކިވަކިން." މައުމޫން ވިދާޅުވި އެވެ.

މައުމޫން ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ކުށްނުކޮށް ހުރި މީހަކު ޖަލަށް އަދި އަރުވާލާފައި ނުވާނެ ކަމަށާއި އެ ކަންކަން ކުރިއަށް ގޮސްފައި އޮންނާނީ ގަވާއިދުގެ ތެރެއިން ކަމަށްވެސް ވިދާޅުވެފަ އެވެ.

"ކޮންމެ މީހަކު ވެސް ކުށެއް ކޮށްފިއްޔާ އެ މައްސަލަ ބަލާ ފަރާތަކުން ބަލާ ތަހުގީގު ކުރާނެ. ދެން ދައުވާކުރާ ފަރާތަށް، އެޓާނީ ޖެނެރަލް ނުވަތަ ޕްރޮސެކިއުޓަރ ޖެނެރަލަށް ހުށަހެޅޭނެ. ހުށަހެޅުނީމަ އެ ބޭފުޅަކު ވެސް ބައްލަވާފައި ޝަރީއަތަށް ފޮނުވާނީ. ޝަރީއަތުގެ މަޖިލީހުގައި އެ މައްސަލަ ބަލާފައި ފަނޑިޔާރު ނިންމާނީ ކޮންމެވެސް އެއްގޮތަކަށް. މިގޮތަށް ދާ ކަމެއް ކަމަކީ. އެހެންވީމަ އެއީ އަނިޔާއެކޭ ބުނާނެ ތަނެއް ނެތް ދެއްތޯ." މައުމޫން ވިދާޅުވި އެވެ.