Last Updated: July 17, 18:07
Friday, July 17, 2026
ކުޅިވަރު

އަނިޔާގައި ހުއްޓަސް ކަވާނީ ވޯލްޑް ކަޕަށް

ވޯލްޑް ކަޕަށް ނެގި އުރުގުއޭގެ ސްކޮޑުގައި މިވަގުތު އަނިޔާގައި ހުރި ވެލެންސިއާގެ ތަޖުރިބާކާރު ފޯވާޑް އެޑިންސަން ކަވާނީ ހިމަނައިފި އެވެ.

ކަވާނީ ،35، ގެ ފައިގެ ކުޑަހުޅަށް އަނިޔާވެފައިވަނީ މިދިޔަ މަހުގެ ފަހުކޮޅު ސްޕެނިޝް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ އަނިޔާއާ ގުޅިގެން ވެލެންސިއާ އިން ލީގުގައި ރޭ ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅުނު މެޗުގައި ކަވާނީ ކުޅެފައެއް ނުވެ އެވެ.

މިދިޔަ ޓްރާންސްފާ މާކެޓުގައި މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް ވެލެންސިއާ އަށް ބަދަލުވި ކަވާނީ އަންނަނީ އެޓީމުގައި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ވެލެންސިއާ އަށް ކުޅެދިން ހަތް މެޗުގައި އޭނާ ވަނީ ހަތަރު ގޯލް ކާމިޔާބުކޮށްފަ އެވެ.

ވޯލްޑް ކަޕަށް ނެގި އުރުގުއޭގެ 26 ކުޅުންތެރިންގެ ސްކޮޑުގައި ތަޖުރިބާކާރު ފޯވާޑް ލުއިސް ސުއަރޭޒް އާއި ލިވަޕޫލްގެ ފޯވާޑް ޑާވިން ނުނޭޒް އަދި ރެއާލް މެޑްރިޑްގެ ޒުވާން މިޑްފީލްޑަރު ފެޑޭ ވަލްވާޑޭ ވަނީ ހިމަނާފަ އެވެ.

މިއީ އުރުގުއޭ އިން ޖެހިޖެހިގެން ވާދަކުރާ ހަތަރުވަނަ ވޯލްޑް ކަޕް ކަމަށްވާއިރު، މިފަހަރުގެ އެޓީމު ލައްވާލާފައިވަނީ ޕޯޗުގަލް އާއި ގާނާ އަދި ދެކުނު ކޮރެޔާއާއެކު ގްރޫޕް އެޗްގަ އެވެ. މި މަހުގެ 24 ވަނަ ދުވަހު އުރުގުއޭގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ދެކުނު ކޮރެޔާއާ އެވެ.

ވޯލްޑް ކަޕަށް ނެގި އުރުގުއޭގެ ސްކޮޑް:

ގޯލްކީޕަރުން: ފެނާންޑޯ މުސްލޭރާ، ސެބަސްޓިއަން ސޯސާ، ސާޖިއޯ ރޮޝޭ

ޑިފެންޑަރުން: ޑިއޯގޯ ގޮޑީން، ހޯޒޭ ހިމިނޭޒް، ރޮނަލްޑް އަރައުހޯ، ސެބަސްޓިއަން ކޯޓްސް، މާޓިން ކަސަރޭސް، މަތިއަސް އޮލިވޭރާ، މަޓިއަސް ވީނާ، ގިއޭމޯ ވަރޭލާ، ހޯޒޭ ލުއިޒް ރޮޑްރިގޭޒް

މިޑްފީލްޑަރުން: މެނުއަލް އުގާޓޭ، ފެޑެރީކޯ ވަލްވާޑޭ، ރޮޑްރިގޯ ބެންޓަންކުރް، މަޓިއަސް ވެޗީނޯ، ލޫކަސް ޓޮރެއިރާ، ނިކޯ ޑެ ލަ ކްރޫޒް، ޖިއޯޖިއަން ޑެ އަރަސްކައޭޓާ

ފޯވާޑުން: ލުއިސް ސުއަރޭޒް، އެޑިންސަން ކަވާނީ، ޑާވިން ނުނޭޒް، މެކްސީ ގޮމޭޒް، ފަކުންޑޯ ޕެލިސްޓްރީ، އަގުސްޓިން ކަނޯބިއޯ، ފަކުންޑޯ ޓޮރޭޒް