އަފްގާނިސްތާނުގައި އަންހެނުން ޕާކުތަކަށް ޒިޔާރަތް ކުރުން އެގައުމުގެ ތާލިބާން ސަރުކާރުން މަނާކޮށްފި އެވެ.
އަފްގާންގައި އިސްލާމީ އުސޫލުތައް ތަންފީޒުކުރަން އުފައްދާފައިވާ މިނިސްޓްރީގެ ތަރުޖަމާނަކު "ބީބީސީ" އަށް މައުލޫމާތު ދެމުން ބުނީ ވެރިރަށް ކާބުލްގެ ޕާކުތަކަށް އަންހެނުން ނުވެއްދުމަށް އެތަންތަން ހިންގާ ފަރާތްތަކަށް އަންގާފައިވާނެ ކަމަށެވެ.
މިއީ ޕާކުތަކުގައި އިސްލާމީ އުސޫލުތަކާ އެއްގޮތަށް އަމަލުތައް ނުބަހައްޓާތީ އެޅި ފިޔަވަޅެއް ކަމަށްވެސް ބުނެފައިވެ އެވެ.
އަފްގާނުގައި މީގެކުރިން ޕާކުތަކަށް އަންހެނުންނާއި ފިރިހެނުން ޒިޔާރަތް ކުރަން ވަނީ ވަކި ދުވަސްތަކެއް ކަނޑައަޅާފަ އެވެ. އެގޮތުން ޕާކުތަކަށް އަންހެނުން ޒިޔާރަތް ކުރަން ކަނޑައަޅާފައިވަނީ އާދީއްތަ، ހޯމަ އަދި އަންގާރަ ދުވަހު އެވެ.
ނަމަވެސް މިހާރު މަހުރަމަކާއެކު ވެސް އަންހެނުންނަށް ޕާކުތަކަށް ޒިޔާރަތް ކުރުން ވަނީ މަނާކޮށްފަ އެވެ. މި ފިޔަވަޅު މިވަގުތު އަޅާފައިވަނީ ހަމައެކަނި ވެރިރަށް ކާބުލްގަ އެވެ.
އަފްގާންގެ ވެރިކަމާ މިދިޔަ އަހަރުގެ އޮގަސްޓު މަހު ތާލިބާނުން ހަވާލުވުމަށްފަހު ވަނީ އަންހެނުންގެ ބައެއް ހައްގުތައް ހިފަހައްޓާފަ އެވެ. އެގޮތުން އަފްގާންގެ ގިނަ އަންހެނުން ކުދިންނަށް ވަނީ ސްކޫލަށް ދިޔުމުން ވެސް މަހުރޫމްކޮށްފަ އެވެ.