އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސްއާ ދިމާލަށް ބިސް އުކި މީހާ އާންމު ތަންތަނުގައި ބިސް ގެންގުޅުން މަނާކޮށްފި އެވެ.
އިއްޔެ ޗާލްސްއާ ދިމާލަށް ބިސް އުކީ އިނގިރޭސިވިލާތުގެ އުތުރުގެ ސަރަހައްދެއްގައި އޮންނަ ޔޯކް ސިޓީ އަށް ވަޑައިގެން އުޅުއްވަނިކޮށެވެ. އެގޮތުން އެ ސިޓީގެ އިސްވެރިންނާ ރަސްގެފާނު ޗާލްސް ސަލާމްކުރައްވަން ގެންދަވަނިކޮށް އާންމުންގެ މީހަކު ވަނީ ރަސްގެފާނާ ދިމާލަށް ބިސްތަކެއް އުކާފަ އެވެ. ނަމަވެސް އެއިން އެއްވެސް ބިހެއް ރަސްގެފާނު ޗާލްސްގެ ގަޔަށް އަމާޒުވެފައެއް ނުވެ އެވެ.
އެ މައްސަލައާ ގުޅިގެން އުމުރުން 23 އަހަރުގެ ޒުވާނެއް ކަމަށްވާ ޕެޓްރިކް ތެލްވެލް ހައްޔަރުކުރި ނަމަވެސް ޝަރުތުތަކެއް ކުރުމަށް ފަހު އޭނާ ވަނީ ދޫކޮށްލައިފަ އެވެ. ދޫކޮށްލިއިރު ކުރި ޝަރުތުތަކުގެ ތެރޭގައި ޗާލްސްއާ 500 މީޓަރާ ހަމައަށް ގާތް ނުވުމާއި އާންމު ތަންތަނުގައި ބިސް ގެންގުޅުން މަނާކުރުން ހިމެނެ އެވެ.

ޕެޓްރިކް ބުނީ އެ ހަމަލާއާ ގުޅިގެން އޭނާ އަށް މަރުގެ އިންޒާރު ވެސް ލިބެމުން އަންނަ ކަމަށާއި މިއީ ރަސްގެފާނުންނަކީ ތިބެން ޖެހޭ ބައެއް ކަމަށް ގަބޫލުނުކުރާތީ ކުރި ކަމެއް ކަމަށެވެ. އަދި އޭނާ އަބަދު ވެސް ގަބޫލުކުރަނީ އެންމެންނަކީ ވެސް ހަމަހަމަ ބައެއްގެ ގޮތުގައި ކަމަށްވެސް ޕެޓްރިކް ބުންޏެވެ.
އިނގިރޭސިވިލާތުގެ ރަސްގެފާނު ކަމަށް ޗާލްސް އައްޔަން ކުރެވުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޗާލްސްގެ މަންމާފުޅު، ރާނީ އެލިޒަބަތު ދޭއް އަވަހާރަވުމާ ގުޅިގެންނެވެ.