Last Updated: April 30, 06:17
Tuesday, April 30, 2024
ޚަބަރު

ހުޅުމީދޫ މަގުތަކުގައި ލައިޓް ޖަހަނީ

ހުޅުމީދޫ ބޮޑު މަގު. ފޮޓޯ: ވިޒިޓް ހުޅުމީދޫ ޕޭޖް

ހުޅުމީދޫގެ ބޮޑު މަގާއި، ހުރަސް މަގުތަކުގައި ވަރަށް އަވަހަށް ލައިޓް ޖަހާނެ ކަމަށް އެ ދާއިރާގެ ކައުންސިލަރު އަލީ މުހައްމަދު (އައްދު) ވިދާޅުވެއްޖެ އެވެ.

އަލީ މުހައްމަދު ވިދާޅުވީ ފެނަކަ ކޯޕަރޭޝަން މެދުވެރިކޮށް އެ މަސައްކަތް ކުރުމަށް ކައުންސިލާއި އެކު އެއްބަސްވެފައިވާކަމަށެވެ. އަދި މަސައްކަތް ވަރަށް އަވަހަށް ފެށިގެން ދާނެ ކަމަށެވެ.

ހުޅުމީދޫގެ ބޮޑު މަގާއި ހުރަސް މަގުތަކުގައި ލައިޓް ޖެހުމުގެ މަސައްކަތް އެންމެ ފުރަތަމަ ފަށަން ނިންމީ ރައީސް ނަޝީދުގެ ސަރުކާރުންނެވެ. ނަމަވެސް އެމަސައްކަތް ނުފެށި ދިގުލައިގެން ގޮސް ރައީސް ވަހީދުގެ ސަރުކާރުގައި ލައިޓް ޖެހޭތޯ ފެނަކަ ކޯޕަރޭޝަނާއި އެކު މަޝްވަރާ ކުރެވުނެވެ.

ނަމަވެސް އޭރު ދެރަށުގެ ރައްޔިތުންގެ މެދުގައި ހިޔާލް ތަފާތުވެ މަސައްކަތް އޮތީ ނުފެށިއެވެ.

މަގު ބައްތި ޖެހުމާއި ގުޅޭ ގޮތުން ރައްޔިތުންގެ މެދުގައި ހިޔާލް ތަފާތުވެ ހުޅުދޫ މީހުން ބޭނުންވީ މަގުގެ ދެ ފަރާތުގައި ބައްތި ޖެހުމަށެވެ. އަދި މީދޫ މީހުން ބޭނުންވީ މިހާރު ވެސް ބައްތިތައް ޖަހާފައި ހުރި ގޮތަށް މަގުގެ މެދުގައި ބައްތި ޖެހުމަށެވެ.

އެ ސަބަބާއި ހެދި އޭރުގެ ކައުންސިލަރު ހަސަން ޝާހިދު ވިދާޅުވީ މަގު ބައްތި ޖަހާނީ ރައްޔިތުން ބޭނުން ގޮތަށް ކަމަށެވެ.

ހުޅުމީދޫގެ ހުރަސް މަގާއި ބޮޑު މަގުގައި ބައްތި ޖެހުމަށް ކައުންސިލުން 8 ލައްކަ ރުފިޔާ ހޭދަވެއެވެ.