Last Updated: July 28, 12:06
Tuesday, July 28, 2026
މުނިފޫހިފިލުވުން

ކާޖޮލްގެ އާ ފިލްމުގެ ޕޯސްޓަރު ދައްކާލައިފި

ބޮލީވުޑްގެ ބަތަލާ ކާޖޮލްގެ އާ ފިލްމު "ސަލާމް ވެންކީ" ގެ ޕޯސްޓަރު ދައްކާލައިފި އެވެ.

މަޔަކާއި ނުކުޅެދޭ ފިރިހެން ދަރިއެއްގެ ވާހަކަ ކިޔައިދޭނެ މި ފިލްމު އަންނަ މަހުގެ 9 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވާ އިރު، މި މަހުގެ 14 ގައި ފިލްމުގެ ޓްރެއިލާ ވެސް އާންމުކުރާނެ އެވެ. "ސަލާމް ވެންކީ" ޑައިރެކްޓްކޮށްފައި ވަނީ ބަތަލާ ރިވަތީ އެވެ. އޭނަ އަކީ ސަލްމާން ޚާންގެ 1990 ގެ ފިލްމު "ލަވް" ގެ ބަތަލާ އެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ކާޖޮލް "ސަލާމް ވެންކީ" އިން އަންނަ މަހު ބެލުންތެރިންނާ ބައްދަލުކުރާ އިރު، އޭނަ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ނެޓްފްލިކްސް އިން ޕްރީމިއާކުރި ފިލްމު "ތުރިބާންގާ" އިންނެވެ. މަޝްހޫރު އެކްޓަރު އަޖޭ ދޭވްގަންގެ އަންހެނުން މިހާރު އަންނަނީ ޑިޒްނީ ޕްލަސް ހޮޓްސްޓާ އަށް "ދަ ގުޑް ވައިފް" ކިޔާ ސީރީޒެއް ވެސް ކުޅެމުންނެވެ.

ކާޖޮލް، 48، ގެ ކެރިއަރުގައި ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވެ އެވެ. އޭނަގެ އެންމެ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި "ބާޒީގަރް" އާއި ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ (ޑީޑީއެލްޖޭ) އާއި "ކުޗް ކުޗް ހޯތާ ހޭ" އާއި "ކަބީ ހުޝީ ކަމީ ޢަމް" އާއި "ޕިޔާރު ތޯ ހީނާ ހީތާ" އަދި "ފަނާ" ހިމެނެ އެވެ.