Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު

ނޮވެމްބަރު 3 މުގައްރަރުގައި ހިމަނަން ގޮވާލައިފި

ނޮވެމްބަރު 3 ގެ ހާދިސާ ކިޔަވާ ކުދިންގެ މުގައްރަރުގައި ހިމެނުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގޮވާލައްވައިފި އެވެ.

އެ މަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނޮވެންބަރު 3 ގެ އުދުވާނީ ހަމަލައާ ގުޅޭ ރަނގަޅު މައުޟޫޢީ ދިރާސާއެއް ވެސް ހަދަން ޖެހޭ ކަމަށެވެ.

"[އަދި] އެ ކިޔަވާ ކުދިންގެ މުޤައްރަރުތަކުގައި ހިމެނުމަށް އަޅުގަނޑު ގޮވާލަން." މައުމޫން ވިދާޅުވި އެވެ.

ނޮވެމްބަރު 3، 1988 ގައި މާލެ އަށް ބަޔަކު އަރައިދިން ޓެރަރިސްޓް ހަމަލާ އަކީ މައުމޫންގެ ވެރިކަމުގައި ހިނގި ހާދިސާއެކެވެ. ދިވެހި ހާއިނުންތަކެއް ސްރީ ލަންކާގެ ތަމަޅަ ޓައިގަރުންގެ ބަޔަކު ގޮވައިގެން ހަތިޔާރާ އެކީ މާލެ އެރީ މައުމޫންގެ ވެރިކަން ވައްޓާލައި، އެ މަނިކުފާނު އަވަހަރާކޮށްލަން ވެސް ރާވައިގެންނެވެ.

ނަމަވެސް ދިވެހި ސިފައިންނާއި އާންމުން ނޮވެމްބަރު 3 ގައި ދެއްކި ހިތްވަރާ އެކީ ހާއިނުންގެ ހަމަލާ ވަނީ ނާކާމިޔާބުކޮށްފަ އެވެ. އެ ހާދިސާގައި 19 ދިވެހިން ޝަހީދުވި އެވެ. އޭގެ ތެރޭގައި ސިފައިންގެ އަށް ބޭކަލަކާއި އާންމުންގެ 11 މީހަކު ހިމެނެ އެވެ.

ދިވެހިންގެ ބަޔަކު އިސްކޮށް ތިބެގެން ވެރިކަމުގައި ދަހިވެތިކަމުގައި ހިންގި ބޮޑު ޖަރީމާގެ އެންމެ އިސްކޮށް ހުރި އެކަކީ ހާޖަރާގެ މުހައްމަދު ލުތުފީ އެވެ. މިއީ ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިންގި މިފަދަ އެންމެ ނުރައްކާތެރު ހާދިސާ، ބިރުވެރި ހާދިސާ އެވެ.

އެ ހާދިސާ އަށް މި އަހަރު 34 އަހަރު ފުރުނު ނަމަވެސް ދިވެހިންގެ ހިތްތަކުގައި ނޮވެމްބަރު 3 ގެ ހަނދާންތައް ބިންވަޅު ނެގިފައިވެ އެވެ.؛