ސަލްމާން ޚާނަށް ހާއްސަކޮށްގެން ފިލްމެއް ލިޔަމުން އަންނަ ކަމަށާއި މާ ލަސްތަކެއް ނުވެ އަނެއްކާ ވެސް އަލުން އެކީގައި ދެ މީހުން މަސައްކަތްކުރާނެކަމުގެ ޔަގީންކަން ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާ ދީފި އެވެ.
އޭނަ އަކީ 1989 ގެ "މޭނޭ ޕިޔާރު ކިޔާ" ގައި ސަލްމާން ލައްވައި ޕްރޭމްގެ ކެރެކްޓާ ކުޅުވައިގެން އޭނަ ވަރުގަދަ ތަރިއަކަށް ހަދައިދިން ޑައިރެކްޓަރެވެ. އޭގެ ފަހުން ސަލްމާންގެ އެންމެ މަގުބޫލު ސްކްރީން ނަމަކީ ވެސް ޕްރޭމެވެ.
ސޫރަޖްގެ އާއިލީ ފިލްމު ކުންފުނި، ރާޖްޝްރީ ޕްރޮޑަކްޝަނަށް 75 އަހަރުވުމާއި މިއަދު ސިނަމާތަކަށް ގެނައި އޭނަގެ އާ ފިލްމު "އޫޗާއީ" ޕްރީމިއާކުރަން އިއްޔެ ބޭއްވި ހާއްސަ ހަފުލާއެއްގައި ސޫރަޖް ބުނީ އޭނަ ގެންދިޔައީ ކޮވިޑްގެ ބަލިމަޑުކަމުގެ ކުރިން ވެސް ސަލްމާނަށް ހާއްސަކޮށްގެން ސްކްރިޕްޓެއް ލިޔަމުންނެވެ.

"އެކަމަކު އެއަށް އިތުރު ވަގުތު ބޭނުން ވާތީ ތަންކޮޅެއް ފަހުން ހަދަން ބާއްވާފައި އޫޗާއީ ހަދަން ނިންމީ،" ސޫރަޖް ބުންޏެވެ. "މިހާރު އަނެއްކާ އަހަރެން ސްކްރިޕްޓްގެ މަސައްކަތް ކުރިއަށް އެބަ ގެންދަން. އެހެންވީމަ އުންމީދަކީ ލަސްތަކެއް ނުވެ އަނެއްކާ ވެސް ސަލްމާނާ އެކީ ފިލްމެއް ހެދުން."
ސޫރަޖް ބުނި ގޮތުގައި ސަލްމާން ބޭނުން ވަނީ ދެ މީހުން އެކީގައި ކުރިން ގެނެސްދިން ކަހަލަ އާއިލީ ލޯބީގެ ފިލްމެކެވެ. ސޫރަޖާއި ސަލްމާން އެންމެ ފަހުން އެކީގައި ގެނެސްދިނީ 2015 ގެ "ޕްރޭމް ރަތަން ދަން ޕާޔޯ" އެވެ. އޭފެ ކުރިން އެ ދެ މީހުން 1999 ގެ "ހަމް ސާތު ސާތު ހޭ" އާއި 1994 ގެ "ހަމް އާޕް ކޭ ހޭ ކޯން" ވެސް ގެނެސްދިނެވެ.
"ސަލްމާނަކީ އަހަރެން ގިނަގިނައިން ފިލްމު ހަދަން ވަރަށް ހިތްވަރު ވެސް ދޭ މީހެއް. އޭނަ ބޭނުން ވަނީ ކުރިން ގެނެސްދިން ކަހަލަ ފިލްމެތަކެއް." ސޫރަޖް ބުންޏެވެ.
ހަފުލާގައި ސަލްމާން ވެސް ބުނީ ލަސްތަކެއް ނުވެ ޕްރޭމް ވަރަށް އަވަހަށް އެނބުރި އަންނާނެ ކަމަށެވެ.
"އަދި އެ ފިލްމަށް ކިޔާނީ ޕްރޭމް ކީ ޝާދީ." ކައިވެނިކޮށް ނުކޮށް ހުންނާތީ އެކަމާ ގުޅުވައި ސަމާސާކުރަމުން ސަލްމާން ބުންޏެވެ.
ދާދި ފަހުން ސޫރަޖް ބުނި ގޮތުގައި މިއަދު ރިލީޒްކުރި "އޫޗާއީ" ގައި މަސައްކަތްކުރަން ވެސް ސަލްމާން ބޭނުންވި އެވެ. އެކަމަކު އެކަމަށް ނޫނެކޭ ބުނި ކަމަށާއި މި ފަހަރު ހަދަން ބޭނުންވީ ކުރިން ނަހަދާ ކަހަލަ މުޅިން ތަފާތު ސްޓައިލެއްގެ ފިލްމެއް ކަމަށް ބުންޏެވެ.
ދުވަސްވީ އެކުވެރިންތަކެއްގެ ވާހަކަ ކިޔައިދޭ "އޫޗާއީ" ގެ މައިގަނޑު ތަރިންނަކީ އަމީތާބް ބައްޗަނާއި އަނޫޕަމް ކޭރާއި ބޮމަން އިރާނީ އެވެ. އިތުރު ކާސްޓުންގެ ތެރޭގައި ނީނާ ގުޕްތާ، ސާއިރާ، ނަފީސާ އަލީ، ޑެނީ ޑެންޒޯންގްޕާ އަދި ޕަރިނީތީ ޗޯޕްޅާ ހިމެނެ އެވެ.