އައްޑޫގެ ޓޫރިޒަމް ޒޯންތަކުން ދޫކޮށްފައިވާ ބިންތައް ތަރައްގީކުރަން ބޭނުންވާ ފައިސާ ލިބޭނެ ގޮތް މިހާރު ހަމަޖެހިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން އިއްޔެ ގަމުގައި ބޭއްވި ޓޫރިޒަމް ފޯރަމްގައި މިނިސްޓަރު ވިދާޅުވީ ޓޫރިޒަމް ޒޯންތަކުން ބިން ލިބުނު ފަރާތްތަކަށް އެތަނުގައި ޓޫރިސްޓް ފެސިލިޓީތައް ހަދަން ފައިސާ ދޭނީ އައްޑޫ ހަންޑެކެ ވެސް ތަރައްގީކުރާ ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް މެދުވެރިކޮށް ކަމަށެވެ.

"ދޫކޮށްފައި އޮތް ބިންތަކަށް އަޅުގަނޑުމެން ފައިސާ ހަމަޖައްސައިފިން. މި އަންނަ ހަފުތާ އިން ފެށިގެން މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޮމްޕެނީ އާއި އެސްއެމްއީ ފަންޑިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން އެ ޕްލޮޓްތައް ލިބިފައި ތިބި ފަރާތްތަކާ ގުޅާނެ،" ފައްޔާޒް ވިދާޅުވި އެވެ. "ގުޅައިގެން އެކަން ކުރިއަށް ގެންދާނީ. ކަންކަން ރާވާނީ. އަޅުގަނޑުމެންނާ އެއްކޮށް އެކަން ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އޮންނާނީ ހުޅުވިފައި."
އޭނާ ވިދާޅުވީ އައްޑޫގެ ޓޫރިޒަމް ޒޯންތައް ތަރައްގީކުރަން އެހީތެރިކަން ދޭން ނިންމާފައި އޮތް ގޮތަކީ އެސްއެމްއީ ބޭންކުން ކޮންޓްރެކްޓަ ފައިނޭންސަރެއް ހޯދައިގެން ތަންތަން ތަރައްގީކުރުން ކަމަށެވެ.
"އެހެންވީމަ ތި ބޭފުޅުންގެ ޕްރެޓިކަލް ޑިޒައިންތަކަށް އަގުހެޔޮ ކުރުމުގެ ގޮތުން އަޅުގަނޑުމެންގެ އެމްއެފްސީ އާއި އެޗްޑީއެފްސީން ތި ބޭފުޅުންނާ ވާހަކަ ދައްކަވާނެ،" މިނިސްޓަރު ވިދާޅުވި އެވެ. "ކޮންޓެރްކްޓަރު އެ ގެންގުޅޭ އަގުތަކަށް ފިޓްވާ މޮޑެލްތަކަކަށް ޑިޒައިން ކުރުމާއި ކަންކަން ކުރިއަށް ދާނީ. އެކަން ކޮށްފައި ތި ބޭފުޅުންނާ އެކީގައި އެސްއެމްއީ ބޭންކާ އެކީ ލޯނެއްގެ ގޮތުގައި ހަމަޖެހިގެން ދާނީ. އެއީ ދިގު މުއްދަތެއްގެ ތެރޭގައި ފައިސާ ދައްކާ ގޮތަށް. އަޅުގަނޑަށް ފެންނަ ގޮތުގައި މިކަން އެންމެ ކާމިޔާބުކޮށް ގެންދެވޭނެ މޮޑެލްކަށް އެކަން ކުރެވޭނެ ގޮތަކީ މިއީ."
ފައްޔާޒް ވިދާޅުވީ މި އުސޫލަށް ތަންތަން ތަރައްގީކުރަން ބޭނުން ނުވާ ބަޔަކު ތިބި ނަމަ އެ ބަޔަކު އެހެން ގޯތެއް އަމިއްލަ އަށް ހޯދާނީ އެވެ.

އައްޑޫގެ ފަސް ޓޫރިޒަމް ޒޯނެއް ކަނޑައަޅައި އެތަންތަނުން 98 ބިމެއް އެކި ފަރާތްތަކާ ހަވާލުކޮށްފައިވެ އެވެ. އެކަމަކު ފައިނޭންސް ލިބުމުގައި ހުރި ދަތިތަކާ ހެދި އެއްވެސް ބިމެއްގައި މިހާތަނަށް ފެސިލީޓީއެެއް ހެދިފައެއް ނެތެވެ.
މި ބިންތައް ތަރައްގީކުރުމަކީ ލޯކަލް ޓޫރިޒަމްގެ ތެރެއިން އައްޑޫގެ ބެޑް ކެޕޭސިޓީ 8،000 އިތުރުކުރަން ރާވާފައިވާ ޕްލޭނުގެ ތެރޭގައި ހިމެނޭ މަޝްރޫއެކެކެވެ. އައްޑޫގެ ޓޫރިޒަމް ޒޯންތަކަކީ ހިތަދޫ "މާމެން ބީޗް ޓޫރިޒަމް ޒޯން" އާއި ހުޅުދޫ "ކޭވައް ބީޗް" މާފިޝި ޓޫރިޒަމް ޒޯނާއި "ކޯގަންނު ބީޗް" މުލިމަތި ޓޫރިޒަމް ޒޯނާއި އަދި ފޭދޫ "ސަވާ ބީޗް" ދިގިހެރަ ޓޫރިޒަމް ޒޯނެވެ.