Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ގަވަރުނަރު ބޭންކްތައް މައިތިރިކުރައްވާ: ފައްޔާޒް

ރާއްޖޭގެ ބޭންކްތަކުން މިހާރު ލޯނު ދިނުމުގައި ގެންގުޅޭ އަނިޔާވެރިކަން ނައްތާލުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް ބޭންކްތައް މައިތިރި ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށް އިކޮނިމިކް މިނިސްޓަރު ފައްޔާޒް ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން އިއްޔެ ގަމުގައި ބޭއްވި ޓޫރިޒަމް ފޯރަމްގައި ވާހަކަ ދައްކަވަމުން، ލޯނުތައް ލިބުމުގައި ބޭންކްތަކުން ރައްޔިތުންނަށް ދިމާވާ ދަތިތަކާ ބެހޭ ގޮތުން ފާޑު ވިދާޅުވެ މިނިސްޓަރު ވިދާޅުވީ ގަވަރުނަރު ވެސް ކުރައްވަން ޖެހޭ ކަމަކީ ހަމައެކަނި ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔުން ނޫން ކަމަށެވެ.

ފައްޔާޒް އެގޮތަށް ވިދާޅުވީ ސަރުކާރުން ޓެކްސް ބޮޑުކުރަން ނިންމުމާ ގުޅިގެން އެމްއެމްއޭ އާއި ގަވަރުނަރު ދާދި ފަހުން ދެއްކެވި ވާހަކަތަކަށް އިޝާރާތްކޮށެވެ. އޭނާ ވިދާޅުވި ފާޑުކިޔުމުގެ ބަދަލުގައި ގަވަރުނަރު ކުރައްވަން ޖެހޭ ކަމަކީ ސެކްޓަ ރިފޯމްކުރަން މަސައްކަތްކުރެއްވުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އަބަދު ވެސް ދައްކަވާ އެއް ވާހަކަ އަކީ ފައިނޭންސް ސެކްޓަރަށް ރިފޯމް އަންނަން ޖެހޭ ވާހަކަ އެވެ.

"އަޅުގަނޑު މި ފުރުސަތުގައި އެމްއެމްއޭގެ ގަވަރުނަރަށާއި ބޭންކްތަކަށް ގޮވާލަން މިހާރު އެ އޮތް އަނިޔާވެރި ގޮތް ނޫން ގޮތަކަށް މީހުންނަށް ލޯނު ލިބޭނެ ގޮތްތަކެއް ހަމަޖައްސަން،" ފައްޔާޒް ވިދާޅުވި އެވެ. "ގަވަރުނަރު ވެސް ހަމައެކަނި ސަރުކާރުގެ ސިޔާސަތަށް ފާޑު ކިޔުއްވައިގެން އެކަންޏެއް ކަންކަމެއް ނުވާނެ. ސެކްޓަ ރިފޯމްކުރަން ކުރައްވާ ކަންތައްތައް ކުރައްވާ. ބޭންތައް މައިތިރިކުރައްވާ. މީހުން ހަލާކުވާ ވަރަށް އިންޓަރެސްޓް ނެގުމާއި ސެކިއުރިޓީ ނެގުމާ މިކަންކަން ހުއްޓާލާ. އަޅުގަނޑުމެންނަށް އިންޓަނޭޝަނަލް ޓްރީޓީސްގެ ދަށުން އެކަންކަން ކުރެވޭނެ. އަޅުގަނޑުމެން މި ކުރަނީ އޭގެ ތެރެއިން ވެސް އޮންނަ އެންމެ މަތީ ލެވެލްގައި. ނުޖެހޭ އެހެން ކުރާކަށް."

އޭނާ ވިދާޅުވީ މިގޮތަށް ވާހަކަ ދެއްކެވުމުން ދެން ފާޑުކިޔުންތައް ވެސް އަންނާނެ ކަމަށެވެ. އެކަމަކު އެއީ މާ ބޮޑު ފަރުވާލެއް ބަހައްޓަވާ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.