Last Updated: July 17, 18:07
Friday, July 17, 2026
ކުޅިވަރު

ވޯލްޑް ކަޕުން މާނޭ ފެންނާނެ

ވޯލްޑް ކަޕަށް ސެނެގާލްގެ ގައުމީ ޓީމުން ނެގި ސްކޮޑުގައި މިވަގުތު އަނިޔާގައި ހުރި ބަޔާން މިއުނިކްގެ ފޯވާޑް ސަޑިއޯ މާނޭ ހިމަނައިފި އެވެ.

މާނޭގެ ކަކުލަށް އަނިޔާވެފައިވަނީ ޖަރުމަނު ލީގުގައި ވާޑަ ބްރޭމަންގެ މައްޗަށް ބަޔާނުން 6-1 އިން ކުރި ހޯދި މެޗުގަ އެވެ. އެގޮތުން މެޗުގެ 20 ވަނަ މިނެޓްގައި ލިބުނު އެ އަނިޔާއާ ގުޅިގެން މާނޭ ވަނީ ބަދަލުކޮށްފަ އެވެ. އެ އަނިޔާއާ ގުޅިގެން މާނޭ އަށް ވޯލްޑް ކަޕްގައި ކުޅެވިދާނެ ކަމާމެދު އޮތީ ސުވާލު އުފެދިފަ އެވެ.

ސެނެގާލުން މިއަދު އިއުލާންކުރި 26 ކުޅުންތެރިންގެ ސްކޮޑުގައި މާނޭ ހިމަނާފައިވާއިރު އޭނާގެ އަނިޔާއާ ގުޅޭގޮތުން ސެނެގާލުން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

ވޯލްޑް ކަޕަށް ސެނެގާލް ކޮލިފައިކޮށްދިނުމުގައި ވެސް އަދި އެޓީމަށް އެފްރިކަން ކަޕް އޮފް ނޭޝަންސް ހޯދައިދިނުމުގައި ވެސް މާނޭ ވަނީ މުހިއްމު ރޯލެއް އަދާކޮށްފަ އެވެ. މާނޭގެ އިތުރުން ޔޫރަޕްގެ އެކި ލީގުތަކުގައި ކުޅޭ ގިނަ ކުޅުންތެރިންތަކެއް ސެނެގާލްގެ ސްކޮޑުގައި ވަނީ ހިމަނާފަ އެވެ.

ސެނެގާލް ވޯލްޑް ކަޕްގައި މިފަހަރު ލައްވާލާފައިވަނީ ނެދަލޭންޑްސް އާއި ގަތަރު އަދި އިކުއެޑޯއާއެކު ގްރޫޕް އޭ ގަ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ގަތަރުން މި މަހުގެ 21 ވަނަ ދުވަހު ނިކުންނާނީ ނެދަލޭންޑްސްއާ ދެކޮޅަށެވެ.