އަޔޫޝްމަން ކްރާނާގެ "އޭން އެކްޝަން ހީރޯ" ގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.
މީގެ ކުރިން އޭނަ ފެނިފައި ނުވާ ފަދަ އެކްޝަން ރޯލަކުން ފެންނާނެ މި ފިލްމަކީ ބުޝަން ކުމާރުގެ ޓީ ސީރީޒާއި ޑައިރެކްޓަރު އާނަންދު އެލް ރާއީ ގުޅިގެން ހަދާފައިވާ ފިލްމެކެވެ. އިންޑިއާ އާއި އިނގިރޭސިވިލާތުގައި ޝޫޓްކޮށްފައިވާ "އޭން އެކްޝަން ހީރޯ" ގެ ޑައިރެކްޓަރަކީ އަނިރޫދް އައްޔަރެވެ.
މީގެ ކާސްޓްގައި ޖައިދީޕް އަހުލުވާތު އާއި ޖިތެންދުރަ ރާއީގެ އިތުރުން އިންޑިއާ އިން ބޭރުގެ ގިނަ ފަންނާނުންތަކެއް ވެސް ހިމެނެ އެވެ. އަންނަ މަހުގެ 2 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ "އޭން އެކްޝަން ހީރޯ" ގައި މަލައިކާ އަރޯރާގެ އައިޓަމް ލަވައެއް ވެސް ހިމެނޭނެ އެވެ. އެކްޓަރު އަރުޖުން ކަޕޫރްގެ ލޯބިވެރިޔާ އަކީ ކުރިން ވެސް މަގުބޫލު އައިޓަމް ލަވަތަކެއް ކުޅެފައިވާ މީހެކެވެ.
ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ އަޔޫޝްމަންގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒްކުރި "ޑޮކްޓަރު ޖީ" އެވެ. އޭނަ އާންމުންގެ ތެރޭގައި މަޝްހޫރީ އަބަދު ވެސް ވަރަށް ތަފާތު ކޮންސެޕްޓްތަކުގެ ފިލްމުތައް ކުޅޭ އެކްޓަރެއްގެ ގޮތުގަ އެވެ.